ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ނޭޕާލުން ލީގު ބުރުގެ އެއްވަނަ ހޯދައިފިއެވެ.
ނޭޕާލުން ރާއްޖޭގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް 14-25 އިން ނޭޕާލުން ގެންދިޔައިރު، ދެވަނަ ސެޓް ގެންދިޔައީ 05-25 އިންނެވެ. އަދި ތިންވަނަ ސެޓް ނޭޕާލުން ގެންދިޔައީ 13-25 އިންނެވެ.
މުބާރާތުގައި ނޭޕާލް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު، ރާއްޖެ ބަލިވީ ހަމައެކަނި ނޭޕާލް އަތުންނެވެ. ނޭޕާލް އަދި ރާއްޖެއިންވެސް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މުބާރާތުގެ ލީގު ބުރު ނިމިފައިވާއިރު، ފައިނަލުން ޖާގަ ހޯދާފައިވަނީ ރާއްޖެ އަދި ނޭޕާލްއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު މެންދުރު 2 ޖަހާއިރެވެ.
ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި ރާއްޖެއިން ވަނީ ކިރިގިސްތާން އާއި ބަންގްލަދޭޝް އަދި އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ އަންހެން ވޮލީ ޓީމު މުބާރާތެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.