އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ނިންމައިފިއެވެ.
އެ ދެބޭފުޅުން މަގާމުން ވަކިކުރަން ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.
ޖޭއެސްސީން ބުނީ، ރާއްޖޭގެ ގާނޫނޫ އަސާސީގެ 154 މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާފަދަ އަމަލުތަކެއް އެ ދެ ފަނޑިޔާރުންގެ ކިބައިން ފެނިފައިވާތީ ޖޭއެސްސީގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ ބޭފުޅުން ވަގުތީ ގޮތުން 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ޖޭއެސްސީގެ އެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ދެ ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމަށް ނިންމާފައިވަނީ، ޖޭއެސްސީން ތަހްގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ދެ ބޭފުޅުން މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭ ކަމަށް ފެންނާތީ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ.
ޖޭއެސްސީން ދަނީ އެ ދެ ފަނޑިޔާރުންގެ ސުލޫކީ އިތުރު މައްސަލަތަކެއްވެސް ބަލަމުންނެވެ. ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލަ ތަކުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ދަނީ ތަކުރާރުކޮށް ތަހުގީގަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ޢައުލަބިއްޔަތުންނެވެ.