އަންނަ އަހަރަށް ލަފާކޮށް، ދައުލަތުގެ ބަޖެޓަށް އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން އިންފްލޭޝަން ރޭޓް ކޮންމެވެސް ވަރަށް މަތިވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ބަޖެޓް ދިރާސާކުރާ ކޮމެޓީއަށް ވަޑައިގެން މައުލޫމާތު ހިއްސާކޮށްދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ހުށަހަޅާފައިވާ ކަންކަމުން، އިންފްލޭޝަން ރޭޓް މައްޗަށް ދިއަޔަސް، ދެތިން މަސް ދުވަހުގެ ތެރޭގައި ހަމަޔަކަށް އެޅޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހާޝިމް ވިދާޅުވީ އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ނިންމާފައިވާތީއާއި ބިދޭސީންގެ އަތުން ނަގަމުންދިޔަ ރެމިޓެންސް ފީ ނުނަގަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމެވެ.
އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން 2020 ވަނަ އަހަރަށް މިހާރު ލަފާކޮށްފައިވާ އަދަދަށްވުރެ 1 ޕަސެންޓް އިންފްލޭޝަން ރޭޓް ކުޑަ މިންވަރަކަށް އިތުރުވާނެ ކަމަށް އަޅުގަނޑުމެންނަށް ފެނޭ. އާމްދަނީގެ ފަރަގު ކުޑަކުރުމަށް ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމަށް ހުށަހަޅާފައިވުމާއި، އަދި ހަމައެއާއެކު ރެމިޓެންސް ޓެކްސް އުވާލުމަށް ނިންމާފައިވާތީ އެމްއެމްއޭއިން މަރުހަބާ ކިޔަން.
މީގެއިތުރުން ހާޝިމް ވިދާޅުވީ، ރާއްޖޭ ޓޫރިޒަމް ކުރިއަރާ މިންވަރާ ބަލާއިރު، އެދާއިރާގެ ޖީއެސްޓީ އާމްދަނީ އިތުރުވަމުން ނުދާކަން ފާހަގަ ކުރެވޭ ކަމަށެވެ. ސަބަބެއް ކަމަށް ބެލެވެނީ ފަތުރުވެރިކަމުގެ ދާއިރާގައި ވާދަވެރިކަން އިތުރުވެ، އަގުތަކަށް ބަދަލުތަކެއް އައުމާއި، އަދި ޓެކްސް ކޮމްޕްލައިންސް މައްސަލަތަކެއް ހުރުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
އެހެންކަމުން ޓުރިޒަމްގެ ދާއިރާ އިތުރަށް ތަރައްގީކޮށް، ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ބަދަލުގެނައުމާއި ޓެކްސާ ގުޅޭ އިދާރީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތްތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަކަމަށްވެސް ގަވަރުނަރު ހާޝިމް ވިދާޅުވި އެވެ.
މީގެއިތުރުން ހާޝިމް ވިދާޅުވީ ފާއިތުވި އަހަރުތަކުގައިވެސް ހިލޭ އެހީ ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ރިކަރަންޓް ހަރަދުތައް ހަމަޖައްސަން ބޭނުންކުރުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ބަޖެޓް ތަންފީޒު ކުރުމަށް ހުރި ގޮންޖެހުމެއްކަމަށް ފާހަގަކުރާ ކަމަށެވެ. އެހެންކަމުން މެދުރާސްތާގައި، ދައުލަތަށް ލިބޭ އާމްދަނީގެ ނިސްބަތުން ރިކަރަންޓް ހަރަދު ކުޑަކޮށް، ތަރައްގީގެ މަޝްރޫއުތައް ދަރަނި ނަގައިގެން ހިންގުމުގެ ބަދަލުގައި، ދައުލަތުގެ އާންމު ބަޖެޓުން ހިންގުމަށް އިސްކަން ދިނުމަށް ލަފާ ދެއްވާ ކަމަށްވެސް ހާޝިމް ވިދާޅުވި އެވެ.