ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ބައްޓަން ވެފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމައީލް ވިދާޅުވެއްޖެއެވެ.
ތިން ވަނަ ޤައުމީ "ޑައިލޮގް އޮން ފޯސްޓަރިން ސަސްޓެއިނަބަލް ޔޫތު އެންޓަޕްރެއިނަރސް" ފެށުމުގެ ގޮތުން ސްޓެލްކޯގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެސްއެމްއީގެ ވިޔަފާރީގެ ތެރޭގައި ޚާއްޞަކޮށް އަންހެނުން އަދި ޒުވާނުންގެ ވިޔަފާރިތައް ޝާމިލުކުރާ ކަމަށެވެ. އިތުރަށް ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ކޮންމެ ސަރުކާރެއްގައި ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ މުހިއްމު ކަމުގެ ވާހަކައިގެ އިތުރުން އަންހެނުން ވިޔަފާރިކުރުމުގެ މުހިއްމުކަމުގެ ވާހަކަތައް ދައްކާ ކަމަށާއި މި ސަރުކާރުން ވެސް އަންހެނުން ވިޔަފާރީގެ ތެރެއަށް ވެއްދުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑު ގަބޫލުކުރަނީ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ބަހާއި އަމަލުން އެކަން ކުރަން ތިބިކަން ދެއްކޭ ކަމަށް. މަސައްކަތަކީ ކުޑަ މަސައްކަތަކަށް ނުވޭ. ބައިވަރު ގޮންޖެހުންތައް އެބަހުރި. އޭގެ ތެރެއިން އެކި އެކި ސިޔާސަތުތައް ބައްޓަން ކުރެވިގެންމިދަނީ އެސްއެމްއީ އަދި ހާއްސަކޮށް އަންހެން ބޭފުޅުން ވިޔަފާރޯގެ ތެރެއަށް ނެރުމަށް.ފައްޔާޒް އިސްމާއިލް / އިކޮނޮމިކް މިނިސްޓަރ
މިސަރުކާރުގެ ވިޝަން އާއި އެއްގޮތް ވާގޮތަށް ރާއްޖޭގެ ބައެއް ކުންފުނިތައް ވެސް އެނބުރިގެން ދާކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ ފައިސާގެ ދަތިކަމަށް ޙައްލެއް ގެނައުމަށްޓަކައި މި އަހަރުގެ މާޗު މަހުގެ ތެރޭގައި ހުޅުވިގެންދިޔަ އެސްއެމްއީ ބޭންކުގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ.
މިހާ ހިސާބަށް އަޅުގަނޑުމެންނަށް އެޕްލިކެޝަންތައް ލިބިފަ ހުރީ 1.5ބިލިއަން ރުފިޔާގެ. ކޮންމެ މަހެއްގަ ކަހަލަ ގޮތަކަށް ސަތޭކަ މިލިއަން ރުފިޔާގެ އިތުރު އެޕްލިކެޝަންތައް އެބަ ލިބޭ. އަޅުގަނޑުމެންނަށް އޭގެ ތެރެއިން ދެވެނީ ވަރަށް މަދު އަދަދެއް. އެހެން ނަމަވެސް މިހާ ހިސާބަށް 250 މިލިއަނަށް ގާތްކުރާ އަދަދަކަށް ލޯނު އެވޯޑު ކުރެވިއްޖެ. ވަރަށް އުފާކުރަން ވަކި ލިމިޓެއް އަންހެނުންނަށާއި ޒުވާނުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައަޅާފައިވާނެފައްޔާޒް އިސްމާއިލް / އިކޮނޮމިކް މިނިސްޓަރ
ފައްޔާޒު އިތުރަށް ވިދާޅުވީ، މި މަހުގެ 23 ވަނަ ދުވަހު ފަންނު އެކްސްޕޯ އެއް ބާއްވާނެ ކަމަށާއި އަންހެނުން ގޭގައި ތިބެގެންކުރާ މަސައްކަތް ތަރައްގީވެގެންދާނެ ކަމަށެވެ. އަދި އެމީހުންކުރާ މަސައްކަތްތައް މާކެޓް ކުރުމަށް އެމްއޭސީއެލްއާއި ގުޅިގެން ޑިއުޓީ ފްރީގައި ފިހާރައެއް ވެސް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ރިސޯޓްތަކުގައި ތަކެތި ވިއްކޭނެ ޖާގަ ހޯދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް ފައްޔާޒު ވިދާޅުވީ، މަސައްކަތްކުރަނީ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މާކެޓްކުރުމުގައި ހުރި ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދީ ފުލް އިކޯ ސިސްޓަމެއް ގާއިމްކުރުމަށް ކަމަށެވެ. އޭގެ ސަބަބުން ޒަމާނުންސުރެއް ރާއްޖޭގައި އޮތް ކުދި ވިޔަފާރިތަކުން އަރައިގަނެވޭނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވިދާޅުވީ، ާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑު ކަމަށް ވުމުން މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު އާމްދަނީ އެއް ލިބޭނެ މަސައްކަތް ކަމަށެވެ. އެހެންކަމުން މަސްވެރިކަމުގެ ސަބަބުން އެތައް ވަޒީފާތަކެއް މިއަދު ވަނީ ފުޅާވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެ އަކީ އެހެން ގައުމުތަކާއި ހިލާފަށް ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެއްކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ޒަހާ ވިދާޅުވީ، ދަނޑުވެރިކަމަކީ ކުޑަ ދާއިރާއެއް ނަމަވެސް އެކަމަކީ ސަރުކާރުން ވެސް ވަރަށް ބޮޑު އަހައްމިޔަތު ކަމެއްދީގެން ފުޅާކުރަން ނިންމާފައިވާ ދާއިރާއެއް ކަމަށެވެ.