ވިޔަފާރިވެރިޔަކު ވެރިކަމަށް ހޮވަން ނުޖެހޭ ސަބަބެއް ނެތް ކަމަށާއި، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް މުއްސަނދިން ވެރިކަން ކުރައްވަމުން ގެންދަވާ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ ގޮތުން އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ، ދިވެހިންގެ ނަޒަރުގައި ވިޔަފާރިވެރިން ތިބެން ޖެހެނީ ވިޔަފާރިވެރިންގެ ގޮތުގައި ކަމަށާއި، ވިޔަފާރިވެރިޔަކު ވެރިކަން ކުރެއްވުން ވެފައި އޮންނަނީ ދިވެހިންނަަށް މާ ކަމުދާ ކަމެއް ގޮތުގައި ނޫން ކަމަށެެވެ.
އެކަމަކު، ވެރިކަމަށް މީހަކު ކުރިމަތިލައްވާއިރު އެމީހާގެ ވިޔަފާރިއަށް ވުރެ އެމީހަކު ރައްޔިތުންނަށްޓަކައި ކޮށްދީފައި ހުރި ކަންތައްތަކަަށް ބެލުން މުހިއްމު ކަމަށާއި، ތައުލީމީ ގާބިލު މީހުން ރައްޔިތުންނަށް އެކަަކަން ވިސްނައިދޭން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ދިވެހިން ވިސްނުން އެހެން ހުންނަނީ އެމެރިކާ ފަދަ ގައުމުތަކުގައި ވެރިކަމުގައި ތިއްބެވި ފަދަ ބޭފުޅުން ނެތުމުން ކަމަށްވުން އެކަށީގެންވާ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.
ވިޔަފާރިވެރިންނަށްވެސް ވެރިކަން ކުރެވޭނެ ކަމުގެ މިސާލު ވިލާ ގްރޫޕްގެ ޗެއަރމަން، ގާސިމް ނެންގެވީ އެމެރިކާއިންނެވެ. އެމެރިކާގެ މިހާރުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ޑޮނާލްޑް ޓްރަމްޕް އަކީ ބިލިއަނަރެކެވެ. އެމެރިކާގެ ރިޔާސީ އިންތިހާބުގެ ރޭހުގައި ވާދަކުރައްވާނެ ކަމަށް ދާދި ފަހުން އިއުލާން ކުރެއްވި މައިކަލް ބްލޫމްބާގަކީ އެމެރިކާގެ 14 ވަނައަށް އެންމެ މުއްސަނދި އަދި ދުނިޔޭގެ ނުވަވަނަ އަށް އެންމެ މުއްސަނދި މީހާއެެވެ.
ބައްލަވާލައްވާ މިހާރު އެމެރިކާގެ ވެރިކަމަށް ކުރިމަތުލައިގެން ނިކުމެ ހުރި ކިތައްވަނަ މުއްސަނދި މީހާތޯ ދުނިޔޭގެ. އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުމެ ވަޑައިގެން ހުންނެވީ ކާކާ. މިހާރު ހުންނެވީ ކާކުތޯ ޕްރެޒިޑެންޓަކަށް . އާދެ ބިިލިއަނަރެއް.ގާސިމް އިބްރާހިމް ~ ޖުމްހޫރީ ޕާޓީގެ ލީޑަރު ~
ގާސިމް ވިދާޅުވީ، ރައްޔިތުންނަށް ހިދުމަަތް ކޮށްދެއްވަމުން ގެންދަވީ އިހުލާސްތެރި އަދި ހިތްހެޔޮކަމާއި އެކު ކަމަށެވެ. އަދި އެއްވެސް ބަޔާކައި މެދު ހަސަދަ އެއް މިހާތަނަށް ބާއްވާފައިނުވާނެ ކަަމަށް ވިދާޅުވިއެވެ.
ވިޔަފާރިވެރިން ވެރިކަން ކުރެއްވުމާއި ބެހޭ ގޮތުން ގާސިމް ވާހަކަ ދައްކަވާފައިވާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރެން ވަނީ ނިންމާފައެވެ. ގާސިމް ވިދާޅުވެފައިވާ ގޮތުން ނިކުންނަ ކެނޑިޑޭޓަކު ނިންމާނީ ޕާޓީގެ މެމްބަރުންނެވެ. އެކަމަކު އަމިއްލަފުޅަށް ވާދަކުރައްވާނެ ކަމަށް އަދި މިހާތަނަށް ގާސިމް އިއުލާން ކުރައްވާފައެއް ނުވެއެވެ.