ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާގެ ކަންތަކާ ގުޅިގެން އެ ކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާން ދެއްކި ވާހަކައަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ރައްދު ދީފިއެވެ.
ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޒިދާން ބުނީ، ފްރާންސް ޓީމަށް ކުޅެން ބެންޒެމާ އަބަދުވެސް ބޭނުންވާ ކަމަށާއި، އޭނާއާ ޓީމާ މެދު ޖެހިފައި އޮތް މައްސަލަ ނޭނގޭ ކަމަށެވެ.
ޒިދާން ބުނީ، ފުޓުބޯޅައިގެ ނަޒަރުން ބަލާއިރު ބެންޒެމާއަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި، އޭނާއަށް ފްރާންސް ޓީމުން ޖާގައެއް ހައްގު ކަމަށެވެ.
މިކަމާ ގުޅިގެން ޑިޝޯމްޕްސް ބުނީ، ޒިދާން ދެއްކި ވާހަކައިގައި މައްސަލައެއް ނެތް ކަމަށާއި، އޭނާ ވާހަކަ ދެއްކީ ރެއާލްގެ ކޯޗުގެ ގޮތުގައި ކަމަށެވެ. އެގޮތުން އޭނާގެ ވާހަކަވެސް ހުންނާނީ އެގޮތަށް ކަމަށް ޑިޝޯމްޕްސް ބުނިއެވެ.
މިދިޔަ އަހަރު ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ނޮއެލް ލެ ގްރާޓް ވިދާޅުވީ، ބެންޒެމާއާ މެދު އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ނަމަވެސް އޭނާއަށް ދެން ގައުމީ ޓީމުން ފުރުސަތު ނެތް ކަމަށެވެ.
ބެންޒެމާ އަށް ގައުމީ ޓީމުން ފުރުސަތު ނުދޭން ފެށީ 2015 ވަނަ އަހަރު އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރި ހިސާބުންނެވެ. އޭނާ އަށް ފްރާންސުގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯގެ ސްކޮޑުން ވެސް ފުރުސަތު ދީފައިނުވާއިރު އެ މައްސަލައިގައި ބެންޒެމާ ވަނީ ޑިޝޯމްޕްސްއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އުމުރުން 31 އަހަރުގެ ފޯވާޑް ވަނީ 2007 ވަނަ އަހަރުން ފެށިގެން ފްރާންސް ގައުމީ ޓީމަށް 81 މެޗު ކުޅެދީ 27 ގޯލް ޖަހައިދީފަ އެވެ. ކްލަބް ލެވެލްގައި އޭނާ އަކީ ރެއާލް މެޑްރިޑުގެ އެއް ނަމްބަރު ފޯވާޑެވެ.