ވޯލްޑްކަޕް ކޮލިފިކޭޝަން އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކުމަށް ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
އެފްއޭއެމްއިން ބުނީ އަންގާރަ ދުވަހު ހަވީރު އެފްއޭއެމްގެ 1 ނަމްބަރު ޓާރފް ސަރަހައްދުގައި ހާއްސަ ހަރަކާތް ތަކެއް ކުރިޔަށް ދާނެ ކަމަށާއި އެގޮތުން ރާއްޖެ މި މެޗުގައި ބޭނުން ކުރާނެ ޖާޒީ ވިއްކުމާއި ޖާޒީގައި ވަގުތުން ނަމާއި ނަމްބަރު ޖެހޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށެވެ.
ރާއްޖޭގެ އަމިއްލަ ދަނޑުގައި ޗައިނާއާއި ދެކޮޅަށް ކުޅުނު މެޗުގެ ޓިކެޓް ހަ ގަޑިއިރު ވުމުގެ ކުރިން ވިކި ހުސްވެފައިވާއިރު އެ ފަހަރު ވިއްކީ 3500 (ތިން ހާސް ފަސްސަތޭކަ) ޓިކެޓެވެ. ފިލިޕީންސް މެޗަށް ވެސް ވިއްކާނީ ގާތަ ގަނޑަކަށް މި އަދަދުގެ ޓިކެޓެވެ. ނަމަވެސް އެފްއޭއެމްއިން ބުނީ ދަނޑުގެ ބަންދުކޮށްފައިވާ ސަރަހައްދު ފިލިޕީންސް މެޗަށް ހުޅުވައިލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއިން އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް އަމާޒު ހިފައިފައިވާއިރު ފިލިޕީންސް އާއި ގުއާމްއާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުމަށް ހަމަޖެހިފައިވާ ދެމެޗަކީ ވަރަށް މުހިންމު ދެމެޗެވެ. އެހެންކަމުން މި ދެ މެޗަށް ސަޕޯޓަރުން އިތުރު ކުރުމަށް އެފްއޭއެމްއާއި ސަރުކާރާއި އަދި މަޖިލިސް މެމްބަރުން ވެގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުންނެވެ.
ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ސީރިއާ ނުވަ ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކުގައެވެ. މިގްރޫޕްގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު ހަތަރުވަނައިގައި ރާއްޖެއިން އޮތީ ތިންޕޮއިންޓާއެކުގައެވެ. އަދި ގްރޫޕްގެ ފުލުގައި ގުއާމް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓެއް ނުލިބިއެވެ.