ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަތަކެއް ހުށަހަޅައިފި އެވެ.
އަންގާރަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ މުހައްމަދު ޝަހީދު ވިދާޅުވީ ރައީސް ސޯލިހާއި، ރައީސް ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލައިދިނުމަށް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. ޝަހީދު ވިދާޅުވީ ރައީސް ސޯލިހު ދައުލަތުގެ ލޯންޗްކޮޅެއް ބޭނުންކުރައްވައިގެން އަމިއްލަފުޅު ކެންޕޭންތަކުގަ އަމިއްލަ ޕާޓީގެ ބޭފުޅުން ކެންޕޭން ކުރެއްވުމަށް ދަތުރުފުޅުތައް ކުރައްވާ ކަމަށެވެ.
ޝަހީދު ވިދާޅުވީ ބައެއް ދަތުރުފުޅުތަކުގައި ރަސްމީ ލޯންޗުކޮޅުކަން އޮޅުވާލަން ލޯންޗުގެ ދައުލަތުގެ ނިޝާނުގެ މަތީގައި ސަތަރި އަޅުއްވައިގެން ދަތުރުކުރައްވާ ކަމަށެވެ. އަދި މިއީ ކޮރަޕްޝަންގެ އަމަލުފުޅެއް ކަމަށާއި، ރައްޔިތުންނަށް އޮޅުއްވާލައްވަން މަސައްކަތްކުރާ މިންވަރުކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ މިފަދަ މައްސަލަ ހުށަހެޅި މިއީ ދެވަނަ ފަހަރުކަން ޝަހީދު ފާހަގަކުރެއްވިއެވެ.
އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ދައުލަތުގެ ވަސީލަތެއް ބޭނުންކުރާއިރުގަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެދާނެ ތިމަންނަ ޕްރޮޓޮކޯލުން އެގޮތަށް މަނާކުރާތީއޭ ތިމަންނަ އަމިއްލަ ފުޅު ދަތުރުތަކުގަ ރިޔާސީ ލޯންޗްކޮޅު ބޭނުން ކުރައްވަނީ. ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ދަތުރު ކުރައްވަންޏާ އެމްއެންޑީއެފުން އެމަނިކުފާނު ޕްރައިވެޓް ލޯންޗަށް ވެސް ސެކިއުރިޓީ ދެއްވާނެ. އަޅުގަނޑުމެންގެ މައްސަލައަކީ ސެކިއުރިޓީ ދިނުމެއް ނޫން.ޝަހީދު - ގާނޫނީ ވަކީލު
ޝަހީދު ވިދާޅުވީ މަޖިލީހުގެ ރައީސް ނަޝީދު އެންމެފަހުން ހުވަދު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގަ ދައުލަތުގެ ވަސީލަތްތަކާއި، މަޖިލީހުގެ މީޑިއާ ބޭނުން ކުރައްވައިގެން ކެންޕޭން ކުރެއްވި ކަމަށެވެ. ޝަހީދު ވިދާޅުވީ މަޖިލިސް ރަސްމީ ޓްވީޓަރ އެކައުންޓުން ރަސްމީ ދަތުރުފުޅެއް ކަމަށް ޓްވީޓް ކުރައްވާއިރު، އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީން ޓްވީޓްކޮށްފައިވަނީ އަމިއްލަ ދަތުރުފުޅުތަކެއް ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަނާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާ 14 ވަނަ މާއްދާގެ ދަށުން ރައީސް ނަޝީދު ކުއްވެރިވާތީ އެމައްސަލަ އެސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ރަސްމީ ދަތުރުފުޅަކަށް ވާނީ އެމަނިކުފާނުގެ އިދާރާގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވަންޖެހޭ ކަމެއް ކުރެއްވުމުގަ. ނުވަތަ އެމަނިކުފާނު އެފަދަ އިދާރާއަކުން ދެއްވާ މައުލޫމާތަކީ އެފަދަ ކަމެއް ދެއްވާ ދައުވަތެއްގެ މައްޗަށް ބިނާކޮށްގެން ނޫނިއްޔާ އެމަނިކުފާނަށް ދަތުރުފުޅެއް އެގޮތަށް ނުކުރެއްވޭނެ. އެހެންވީމަ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރަނީ.ޝަހީދު - ގާނޫނީ ވަކީލު
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްސަލައަށް އަލިއަޅުއްވާލައްވާ ޝަހީދު ވިދާޅުވީ ޖިޓެކްސް ސިމްޕޯޒިއަމްގައި ބައިވެރިވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ދަތުފުޅުގައި، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު ސައިފް ބިން ޒައިދާ އެކު ބޭއްވި ބައްދަލުވުމުގައި އެކަމަނާގެ ދަރިކަލުން ބައިވެރިކުރުވި ކަމަށެވެ. މިނިސްޓަރު މާރިޔާ އެދަތުފުޅުގައި ވަޑައިގަތީ އަމިއްލަ ހައިސިއްޔަތުން ނަމަވެސް، ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކީ ރަސްމީ ބައްދަލުކުރެއްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް. ސަބަބަކީ ރާއްޖޭގެ ދިފާއީ ވަޒީރަކަށް އެފަދަ ރަސްމީ ކަންކަމަށް ރަސްމީ ބޭފުޅަކާ ބައްދަލުކުރައްވާއިރު އެއިން ބޭފުޅެއްގެ ދިވެހިދައުލަތާ ދިވެހިރާއްޖޭގެ އެއްވެސް ވާހަކައެއް ރާއްޖޭއާ ބެހޭ ގޮތުން ރާއްޖޭގެ ސަލާމަތާ ބެހޭ ގޮތުން މިއިން އެއްވެސް ކަމަކާ މެދުގަ ވާހަކަ ދައްކާއިރުގަ އެއްވެސް އާންމު ފަރުދަކު އެއްވެސް ފަރާތެއް ބައިވެރިނުކުރެވޭނެ.ޝަހީދު- ގާނޫނީ ވަކީލު
ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ވަކީލުންގެ ޓީމުން ބުނީ ރައީސް ސޯލިހުގެ ސަރުކާރުން ދައުލަތުގެ ބަޖެޓުން ދަތުރުފުޅުތަކަށް ރިކޯޑް އަދަދަކަށް ބޭކާރު ހަރަދުތައްކުރާ ކަމަށެވެ. އަދި މިމައްސަލަތައް މިނިވަންކަމާއެކު އެސީސީން ބަލާނެ ކަމަށް އުންމީދު ކުރާ ކަމަށް އެޓީމުން ބުންޏެވެ.
ޕީޕީއެމް / ޕީއެންސީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ހުށަހެޅިއިރު، ޕީޕީއެމްއަކީ ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް، ކެމްޕޭން ހަރަދުތައް ކުރި ޕާޓީއެއްކަމަށް ސަރުކާރުގެ އިދާރާތަކުން ހާމަކޮށްފައިވެއެވެ. އެގޮތުން އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިއިރު، ކެމްޕޭން ހުރިހާ ދަތުރުފުޅެއް ކުރައްވާފައިވަނީ ދައުލަތުގެ ވަސީލަތްތަކާއި، ދައުލަތުގެ މީޑިއާ މެދުވެރިކޮށެވެ. އޭގެއިތުރުން ދައުލަތުގެ ކުންފުނިތައްވެސް ބޭނުންކޮށްފައިވާ ކެމްޕޭންތައް ކުރިއަށްގެންދާ ޖަގަހައެއްގެ ގޮތުގަ އެވެ.