ވޯލްޑްކަޕް ކޮލިފިކޭޝަން އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކުމަށް ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
އެފްއޭއެމުން ބުނީ އަންގާރަ ދުވަހު ހަވީރު އެފްއޭއެމްގެ 1 ނަމްބަރު ޓާރފް ސަރަހައްދުގައި ޚާއްސަ ހަރަކާތް ތަކެއް ކުރިޔަށް ދާނެ ކަމަށާއި އެގޮތުން ރާއްޖެ މި މެޗުގައި ބޭނުން ކުރާ ޖާޒީ ވިއްކުމާއި، ޖާޒީގައި ވަގުތުން ނަމާއި ނަމްބަރު ޖެހޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.
ރާއްޖޭގެ އަމިއްލަ ދަނޑުގައި ޗައިނާއާއި ދެކޮޅަށް ކުޅުނު މެޗުގެ ޓިކެޓް ހަ ގަޑިއިރު ވުމުގެ ކުރިން ވިކި ހުސްވެފައިވާއިރު އެ ފަހަރު ވިއްކީ 3500 (ތިން ހާސް ފަސްސަތޭކަ) ޓިކެޓެވެ. ފިލިޕީންސް މެޗަށް ވެސް ވިއްކާނީ ގާތްގަނޑަކަށް މި އަދަދަށެވެ. ނަމަވެސް އެފްއޭއެމުން ބުނީ ދަނޑުގެ ބަންދުކޮށްފައިވާ ސަރަހައްދު ފިލިޕީންސް މެޗަށް ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއިން އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް އަމާޒު ހިފާފައިވާއިރު ފިލިޕީންސް އާއި ގުއާމްއާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުމަށް ހަމަޖެހިފައިވާ ދެމެޗަކީ ވަރަށް މުހިންމު ދެމެޗެވެ. އެހެންކަމުން މި ދެ މެޗަށް ސަޕޯޓަރުން އިތުރު ކުރުމަށް އެފްއޭއެމްއާއި ސަރުކާރާއި އަދި މަޖިލިސް މެމްބަރުން ވެގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުންނެވެ.
ރާއްޖެ ހިމެނޭ ގްރޫޕުގެ އެއްވަނައިގައި ސީރިއާ ނުވަ ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކުގައެވެ. މިގްރޫޕްގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު ހަތަރުވަނައިގަ ރާއްޖެ އޮތީ ތިންޕޮއިންޓާއެކުގައެވެ. އަދި ގްރޫޕްގެ ފުލުގައި ގުއާމް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓެއް ނުލިބިއެވެ.