ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، ޔާމީނުގެ މައްސަލައިގެ ބެންޗު ބަދަލުކޮށްދެއްވުމަށް އެމަނިކުފާނުގެ ފަރާތުން އެދި އެކަން ހަމަޖެއްސައިދިނުމަށް އެ ކޯޓަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކޯޓުގެ ޤާނުނުގެ 58 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ބެލުމަށް ބެންޗެއް އެކުލަވާލާފައިވާ ކަމަށެވެ.
އަންގާރަ ދުވަހު ނެރުނު އެ ބަޔާނުގައިވާ ގޮތުން މައްސަލަ ބެލުމަށް ނިންމާފައިވަނީ ފަސް ޤާޟީންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ކްރިމިނަލް ކޯޓު ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޤާޟީ ޢަލީ ރަޝީދާއި ޤާޟީ އަޙްމަދު ޝަކީލާއި ޤާޟީ މުޙައްމަދު ސަމީރު ޢަލީ އާދަމްގެ އިތުރުން ޙުސައިން ފާއިޒް ރަޝާދެވެ.
ރައީސް ޔާމީނުގެ މަައްޗަށް ކުރެވޭ ޚިޔާނާތުގެ މައްސަލަ ބައްލަަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ހައިލަމެވެ. ޔާމީނުގެ މައްސަލައިގެ ޙުކުމް އިއްވުން މި މަހުގެ ފަސްވަނަ ދުވަހަށް ތާވާލު ކުރިނަމަވެސް ހައިލަމް ސަސްޕެންޑް ކޮށްފައިވާތީ އެ ދުވަހުގެ ޝަރީޢަތް ވަނީ ކެންސަލް ކޮށްފައެވެ. އެމަނިކުފާނުގެ ޝަރީޢަތަށް ސަރުކާރުން ނުފޫޒު ފޯރުވާމުންދާ ކަމަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ބުނެއެވެ. މި މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނުގެ ޝަރީޢަތުގެ އަޑުއެހުމެއް ތާވަލު ކޮށްފައިވެއެވެ.
ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާތީއެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެއް މިލިއަން ޑޮލަރެވެ.
ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އޭސީސީގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައިވަނީ އެ ފައިސާ ނޫން ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް އިޢްތިރާފުވެވަޑައިގެންފައެވެ.
ޔާމީން ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.
ރައީސް ޔާމީނުގެ މައްސަލައިގެ ޚުލާސާ ބަޔާން ނެގުމަށް ފަހު މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ދައުލަތުން ބުނެފައިވަނީ، އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް އެފައިސާ ނޫން އެހެން ފައިސާއެއް އެހެން ފަރާތެއް މެދުވެރިކޮށް ހޯދި އެއްމިލިއަން ޑޮލަރު އެސްކްރޯ އެކައުންޓުގައި ބެހެއްޓި ކަމަށާއި އެފައިސާގެ އަޞްލު އޮޅުވާލާފައިވާ ކަމަށް ދައުލަތުން ހުށައެޅި ޝަފަހީ ހެއްކާއި ކިތާބީ ހެކިން ހާމަވާ ކަމަށެވެ.