އެލްއޭ ގެލެކްސީއަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވަރޑް ޒްލަޓަން އިބްރަހަމޮވިޗް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް އިބްރަހަމޮވިޗް ހޯދުމަށް ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ރިޕޯޓްތައް ބުނާގޮތުން އިބްރަހަމޮވިޗް އެ ކްލަބަށް ބަދަލުވުމަކީ ވަރަށް ގާތް ކަމެކެވެ.
އިބްރަހަމޮވިޗް ހޯދުމަށް ޔުނައިޓެޑުގެ އިތުރުން އެހެން ކްލަބްތަކުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އޭސީ މިލާން އަދި ނަޕޯލީވެސް ހިމެނެއެވެ.
ގެލެކްސީއާއެކު އިބްރަހަމޮވިޗް ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާއިރު، އެއްބަސްވުން އާކުރަން ގެލެކްސީން އަންނަނީ އިބްރަހަމޮވިޗާއެކު މަޝްވަރާ ކުރަމުންނެވެ.
ދާދި ފަހުން ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އިބްރަހަމޮވިޗް ބުނީ މިވަގުތު އޭނާ އަކީ ފުޓުބޯޅަ ކުޅުންތެރިޔެއް ކަމަށާއި، ކުރިޔަށް އޮތް ތަނުގައިވެސް ކުޅެން ބޭނުންވާ ކަމަށެވެ. އެގޮތުން ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ކުރިން މުޅި ދުނިޔެއަށް އަންގާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ސްވިޑަންގެ މަލްމޯ އިން 1999 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 37 އަހަރު އިބްރަހަމޮވިޗް ކުޅުން ހުއްޓާލާނެ ދުވަހެއް ނޭގޭ އިރު، އޭނާ ހޯދުމަށް ބައެއް ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި އޭސީ މިލާންވެސް ހިމެނެއެވެ.
ޔުވެންޓަސް، އިންޓަ މިލާން، ބާސެލޯނާ، އޭސީ މިލާން، ޕީއެސްޖީ އަދި ޔުނައިޓެޑަށް ވެސް ކުޅެފައިވާ އިބްރަހަމޮވިޗް ވަނީ މިހާރު ކުޅެމުން އަންނަ އެލްއޭ ގެލެކްސީ އަށް މިހާތަނަށް ކުޅުނު 53 މެޗުގައި 29 ލަނޑު ކާމިޔާބުކޮށްފައެވެ.
ސްވިޑަންގެ މޮޅު އެތުލީޓުގެ މަޤާމު ހަތަރު ފަހަރު ހޯދާފައިވާ އިބްރަހަމޮވިޗް ވަނީ އޭނާ ކުޅުނު ކްލަބްތަކަށް ގިނަ ކާމިޔާބީތައް ހޯދައިދިނުމުގެ އިތުރުން އަމިއްލަ ގިނަ އެވޯޑުތައްވެސް ހާސިލުކޮށްފައެވެ.