ރާއްޖޭގެ ރަށްތަކާއި ފަޅުތަށް ވިއްކައިގެން ހިންގާފައިވާ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތަ ގުޅޭ ފޮރެންސިކް އޮޑިޓެއް ހަދަން ބޭންކު އޮފް މޯލްޑިވްސް އިން ސިންގަޕޫރްގެ ފާރމަކާއި އެކު މަސައްކަތް ފަށައިފިއެވެ.
ހޯމަ ދުވަހު ބީއެމްއެލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެމްްއެމްޕީއާރްސީއާ ގުޅިގެން މިހާތަނަށް ކޮށްފައިވާ އޮޑިޓްތަކުން އެ ބޭންކުގެ އިހުމާލެއް އޮތްކަމަށް ފާހަގަވެފައިނުވާ ކަމަށެވެ.
ބީއެމްއެލުން ބުނީ، އެމްއެމްޕީއާރްސީ ގެ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށް ދިޔުމާއެކު، ބޭންކާ އަދި ގުޅުންހުރި އެންމެހާ ފަރާތްތަކެއްގެ މަސްލަހަތަށް ބަލައި އެމްއެމްޕީއާރްސީގެ މުޢާމަލާތްތަކާ ގުޅޭ ގޮތުން ރާއްޖެއިން ބޭރުގެ މިނިވަން އިދާރާ އެއް މެދުވެރިކޮށް ތަހުގީގީ އޮޑިޓް އެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރުގެ ކޮންސަލްޓަންސީ ފަރމެއް ކަމަށްވާ ޑެލޮއިޓް ސިންގަޕޯރ އާ ގުޅިގެން ބޭންކުގެ ފޮޮރެންސިކް އޮޑިޓް އެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްގެ ބަޔާނުގައިވެއެވެ. ޑެލޮއިޓް ސިންގަޕޯރ އަކީ އޮޓިޑް އަދި މާލީ ދާއިރާއިން 150 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯދާފައިވާ ކުންފުންޏެކެވެ.
ޑެލޮއިޓް ސިންގަޕޯރ އިން އެމްއެމްޕީއާރްސީ އަދި އެސްއޯއެފް އާ ދެމުދު ހިނގާފައިވާ ހުރިހާ މުއާމަލާތްތަކާއި، ޓްރާންސެކްޝަންސް އަދި އެންޑޯރސް ކުރެވިގެން ދިޔަ ޗެކްތަކުގެެ އިތުރުން މި މުޢާމަލާތްތައް ކުރެވުނު މުއްދަތުގައި ބޭންކުގެ ރިޕޯޓިންގ އަދި ކޮންޓްރޯލް ޕްރޮސީޖަރ ބަލާނެ ކަމަށް ބީއެމްއެލުގެ ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން ބޭންކުގައި މިހާރު އަމަލު ކުރަމުންދާ ޕޮލިސީތަކާއި ޕްރޮސީޖަރތަކާ، ރިސްކް މެނޭޖް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި، ބޭންކުން އަމަލު ކުރަމުން އަންނަނީ ބައިނަލް އަގުވާމީ މިންގަޑުތަކާއި އެއްގޮަތަށްތޯ ބަަލައި މިނިވަން އޮޑިޓެއްކުރުމަށް ވަނީ ހަމަޖެހިފަ.ބީއެމްއެލްއިން ނެރުނު ބަޔާން
އެއީ ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ކުރާ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ އޮޑިޓެކެވެ. އޭގެ ތެރޭގައި ބޭންކުގެ ރިސްކް އަދި ކޮންޕްލައަންސް ޕޮލިސީތައް ބެލުމަށް އާ ޗީފް ރިސްކް އޮފިސަރ އެއްވެސް އައްޔަން ކުރުމަށް ވަނީ ނިންމާފައެވެ.
ބޭންކުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ އޮޑިޓް ނިމި، ކުރިއަށްދާ ތަހްގީގުގައި ކަމާގުޅުންހުރި އިދާރާތަކަށް ފުރިހަމައަށް އެހީތެރިކަންދިނުމެވެ.
ބޭންކުގެ އެ ނިންމުމުން ދައްކުވައިދެނީ ދާދި ފަހުން އެކުލަވައިލެވިނު ބޭންކުގެ ބޯޑު އާއި އަލަށް އައްޔަން ކުރެވުނު ސީއީއޯގެ އަމާޒަކީ ބީއެމްއެލް އަކީ އިތުބާރު ކުރެވޭ ނަޒާހަތްތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓާނެ އިދާރާ އެއްކަން ޔަގީން ކޮށްދިނުމަށް ކަމަށް ބޭންކުން ބުންޏެވެ.
ބޮޑު ހިޔާނާތުގެ ފައިސާގައި ބީއެމްއެލްގެ މުވައްޒަފުންގެ ބައިވެރިވުންވާ ކަމަށް އެކި ފަރާތްތަކަން ބުނަމުންދެއެވެ. އެހެން ނަމަވެސް ނުގަވައިދުން އަދި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ތަކުރާރުކޮށް ބީއެމްއެލް އިން އައީ ބުނަމުންނެވެ.