އަންނަ އަހަރު ޖަޕާނު މާކެޓަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ވިއްކާ މި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 0.75 އިންސައްތަކަމަށެވެ. އޭގެތެރޭގައި ގެރެންޓީ ފީ އާއި މެނޭޖްމެންޓް ފީ ހިމެނޭނެކަަމަށާއި އެހެންކަމުން 0.75 އިންސައްތައަށްވުރެ އިންޓްރެސްޓް ރޭޓް މަތި ވުމަކީ އެކަށީގެންވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
300 މިލިއަން ޑޮލާރސް އަޅުގަނޑުމެން އެއްފަހަރާ ޕްލޭސް ކުރާނީ ތިން ޓްރާންޗެއްގެ ގޮތުގައި. އެއީ 8 އަހަރު މެޗުއަރ ވާ އެއްޗަކާއި 9 އަހަރު އަދި 10 އަހަރު. އެހެންވީމާ 100 މިލިއަން ޑޮލަރސްގެ ތިން ޓްރާންޗެއްގެ ގޮތުގައި އެއްފަހަރާ އަޅުގަނޑުމެން އޭތި ޕްލޭސް ކުރާނީ.ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
އަންނަ އަހަރު ބަޖެޓް ޑެފިސިޓް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ބޮންޑުން ވިއްކުމަށް ހަމަޖެހިފައިވާއިރު ޓްރެޝަރީ ބިލްގެ ގޮތުގައި 563 މިލިއަން ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ. މި ބިލްތައް ވިއްކުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އެމްއެމްއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިންކަމަށާއި މި ވިއްކާނީ އެންމެ ފައިދާވާ ގޮތަށް ބަލައިގެންކަމަަށް މިނިސްޓަރ ވިދާޅުވި އެވެ.
އަންނަަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 5.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ. މިހިނގާ 2019 ވަނަ އަހަރު ބަޖެޓް ޑެފިސިޓް ހުންނާނެކަމަށް މިހާރު ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވަނީ 5.0 ބިލިއަން ރުފިޔާއިންނެވެ.