ކ. މާލެ
|
15 މާރޗް 2017 | ބުދަ 22:31
ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ހުޅުވި ކްލިނިކަށް ފަރުވާ ހޯދުމަށް ގޮސް ތިބި ބައެއް
ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ހުޅުވި ކްލިނިކަށް ފަރުވާ ހޯދުމަށް ގޮސް ތިބި ބައެއް
މުހައްމަދު ޝަރުހާން
އެޗްވަންއެންވަން ފެތުރުން
މިކަން ސިޔާސީ ނުކުރާށެވެ!
ބަލި ޖެހުނު ކަމަށް ބުނި މީހުންގެ އަދަދު ހަމަ ކުއްލިއަކަށް ދެ ގުނަ އިތުރުވި
ސްކޫލްތައް ބަންދުކުރާ ހާލަތަށް ނުދާ ކަމަށް ބުނިތާ 24 ގަޑިއިރު ނުވަނީސް ސްކޫލްތައް ވަނީ ބަންދުކޮށްފައި
އެޗްވަންއެންވަން އާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގައި ސަރުކާރުން ވަނީ އޮޅުވާލާފައި

ހަގީގަތުގައި ވެސް ދިވެހިން މިއީ ވަރަށް ހެއްވާ ބައެކެވެ. ދެމަފިރިއަކު ވަރިވިޔަސް އޭގެ ޒިންމާ އުފުލަންޖެހެނީ ސިޔާސީ ފަރާތްތަކެވެ. ދެ މީހަކު މާރާމާރީ ހިންގިޔަސް ބަދުނާމު ވަނީ ރައީސްއެވެ. ކުޑަކުއްޖަކަށް ރޯގާއެއް ޖެހުނަސް ގޯސްވަނީ ސަރުކާރެވެ. ނޫނީ ސިޔާސީ ޕާޓީތަކެވެ. ކޮންމެ ކަމެއް ވެސް ސިޔާސީކުރަން ދިވެހިން ވަރެއް ނެތީއެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ވެސް ބައެއް ފަރާތްތަކުން ފޫޅުކަނޑަނީ ސަރުކާރަށެވެ. ގޯސްވީ ހެލްތު މިނިސްޓަރެވެ. އިސްތިއުފާ ދޭންޖެހެނީ އެ މިނިސްޓްރީގެ ވެރިންނެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ގޯހީ އިދިކޮޅު ފަރާތްތަކެވެ. ހަމަ ކޮންމެ ކަމެއް ވެސް ސިޔާސީ ކުރަނީ ޔޯލައެވެ.

ރާއްޖޭގައި ފެތުރެމުންދާ ބަލިމަޑުކަން އިދިކޮޅު ފަރާތްތަކުން ސިޔާސީ ކުރަނީ ކީއްވެ ހެއްޔެވެ؟ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މިކަން ސިޔާސީ ނުކުރަން ގޮވަނީ ކީއްވެ ހެއްޔެވެ؟

ހަގީގަތަކީ ސިޔާސީ ކޮށްގެން އުޅެނީ އެޗްވަންއެންވަން އެއް ނޫނެވެ. ގޯސްވެގެން އުޅެނީ އެފަދަ ބައްޔަކުން ރައްކާތެރިވުމަށް ގެންގުޅޭ ސިޔާސަތެވެ. އެހެން ކަމުން ބަލިމަޑުކަން ސިޔާސީ ނުވާންވީ ކީއްވެ ހެއްޔެވެ؟

އެޗްވަންއެންވަންގެ މައްސަލަ ގޯސްވީ ހަމަ ކުއްލިއަކަށެވެ. އެއް ދުވަހު މީޑިއާތައް އެއްކޮށްފައި މާބޮޑު ކަމެއް ނޫން ކަމަށް ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތްކުރީއެވެ. ސްކޫލްތައް ވެސް ބަންދުކުރަން ނުޖެހޭ ކަމަށާއި ރައްޔިތުން ހާސްވާންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް ބުނީއެވެ. ނަމަވެސް 24 ގަޑިއިރު ނުވަނީސް ކުއްލިއަކަށް ހާލަތު ބަދަލުވީއެވެ. ރަނގަޅަށް ބަލައިލި އިރު މިކަން ދިމާވެގެން އުޅޭތާ މަހަކަށް ވުރެ ވެސް ގިނަ ވެއްޖެކަން ހާމަވީއެވެ. އަދި މީހަކު މަރުވެ ބައެއްގެ ފުރާނަ އަށް ނުރައްކާވާ ހާލަތަށް ގޮސްފައިވާ ކަމަށް ވެސް ބުނެފިއެވެ. ސްކޫލްތައް ވެސް ބަންދުކުރާ ހާލަތައް ގޮސް ކުޅިވަރުތައް ވެސް ވަގުތުން މެދުކަނޑާލައި މީހުން އެއްވާ ހުރިހާ ހަރަކާތްތަކެއް ކެންސަލްކުރަން ޖެހޭ ހިސާބަށް ހަމަ ކުއްލިއަކަށް ކަންކަން ގޯސްވީއެވެ.

މިއީ 24 ގަޑިއިރުގެ ތެރޭގައި ސަރުކާރުގެ ބަސް މަގު ބަދަލުވި ގޮތެވެ. ގައިމު އެއީ އޮޅުވާލުމެއްކަން ކުޑަކުއްޖާ އަށް ވެސް ވިސްނޭނެއެވެ. ބަލިމަޑުކަން ސިޔާސީ ކަމަކަށްވީ އެހިސާބުންނެވެ. އެޗްވަންއެންވަން ސިޔާސީ ވީއަކީ ނޫނެވެ. އެ ބަލިން ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން ހިޔާރުކުރި ގޮތް ސިޔާސީވީއެވެ.

އެޗްވަންއެންވަން ރާއްޖޭގައި އުޅޭ ކަމާއި ރައްކާތެރިވާންޖެހޭކަން ކަމާ ބެހޭ ފަރާތްތަކުން ސީރިއަސްވެ ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމުގެ ސިޔާސަތެއް އޮތް ނަމަ ފަހަރުގައި މިވަރަށް ފެތުރިގެން ދިޔަ ނުދީ ކޮންޓްރޯލްކުރުނީހެވެ. ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ފުރުސަތު ލިބުނީހެވެ. ނަމަވެސް "ނަމަޔަކު ރިހައެއް ނުކެއްކޭނެޔޭ" ބުނާ ބީދައިން މިކަމުގައި ވެސް ދެން ކުރެވޭނެ ކަމެއް ނެތެވެ.

ހެލްތު ސިސްޓަމުގައި ބޮޑެތި ބާގަނޑުތައް ހުރި ކަމަށް ރައްޔިތުން މީގެ ކުރިން ވެސް ދިޔައީ ޝަކުވާކުރަމުންނެވެ. ނަމަވެސް އައިޖީއެމްއެޗްގެ ކޮންމެ ތަށިމުށިގަނޑެއް ބަދަލުކޮށްލާފައި ބޮޑު ރަސްމިއްޔާތަކާ އެކު މީޑިއާ އެއްކޮށް އެ މުށިގަނޑު އިފްތިތާހުކޮށް ރައްޔިތުންގެ ލޮލުގައި ސަރުކާރުން ދިޔައީ އަނދުން އަޅުވަމުންނެވެ. ރަށްރަށުގެ ހާލަތު ދިޔައީ އޮޅުވާލަމުންނެވެ. ސައްހަ މައުލޫމާތު ހޯދުމަށް އޮތް މަގު ވެސް ވަނީ ބަންދުކޮށްފައެވެ. ކަމާ ބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަން އޮތް މަޖިލީސް ވާވެފައެވެ. އިދިކޮޅު ފަރާތްތަކުން އެފަދަ ކަމަކަށް އެދި މަޖިލީހަށް ހުށަހެޅިޔަސް ވަޒީރަކު މަޖިލީހަށް ހާޒިރުކުރެވޭ ކަމަކަށް ނުވެއެވެ.

މިހާ ހިސަބަށް ކަންކަން ދިޔައީމާ މީހަކު ނުގޮތަކަށް ތަނެއް ހިރުވާލިޔަސް އެކަން ސިޔާސީ ވާނެއެވެ. ގިނަ ބަޔަކަށް ރޯގާ ޖެހި، ދުނިޔެ ނުރައްކަލެއްގެ ގޮތުގައި ސިފަކުރާ "އޫރު ރޯގާ" ފެތުރޭ ނަމަ އެކަން ސިޔާސީ ވާނެއެވެ. މި ބަލީގައި މީހުން މަރުވެ އައިސީޔޫގައި ފަރުވާ ދޭންޖެހޭ ނަމަ އެކަން ސިޔާސީ ވާނެއެވެ. އެކަށީގެންވާ ވަރަށް ވެކްސިން ނެތް ކަމަށް ހެލްތު މިނިސްޓްރީން ބުނީމާ އާންމު ރައްޔިތުން ވެސް ސިޔާސީ ކުރާނެއެވެ. ސޯޝަލް މީޑިއާގައި ވެސް ސްޓެޓަސްތައް ޖަހާނެއެވެ. އެއީ ކޮންމެހެން ބަލިމަޑުކަމުގެ ފައިދާ ނަގައި އެކަން ސިޔާސީ ކުރުމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް