ކަޅުވަކަރު މިސްކިތް ރޭވުމުގެ ތެރެއިން ހިރިގަލުގެ މަސައްކަތް ނިންމާ މަތީވަޑާންގަނޑުގެ މަސައްކަތް ފަށައިގެން ކުރިޔަށްދާކަމަށް ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފި އެވެ.
ކޮންވަޒޭޝަން އޮފިސަރ އަޙްމަދު ޒަމީރު މީގެކުރިން ވިދާޅުވެފައިވަނީ ކަޅުވަކަރު މިސްކިތުގެ މަތިވަޑާންގަނޑު އޮތީ އެއްކޮށް ހަލާކުވެފައި ކަމަށާއި، މަތިވަޑާންގަނޑު ހަދާނީ ހައިވަކަރުން ކަމަށެވެ. މިސްކިތުގެ މަސައްކަތް ނިންމާއިރު މިސްކިތުގެ އަޞްލު ނުގެއްލޭނެ ކަމަށާއި، މިސްކިތުގެ ވަރު ހުންނާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ސަލްޓަން ޕާރކުގައި ކުރިން ހުރި ކަޅުވަކަރު މިސްކިތް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރޫޅާލައި މާލެ ނޫން ތަނަކަށް ބަދަލުކުރަން އުޅުނެވެ. ނަމަވެސް އެ މިސްކިތް އަލުން ރާވައި މާލޭގައި ބެހެއްޓުމަކީ މި ސަރުކާރުގެ ވަޢުދެކެވެ.
ކަޅުވަކަރު މިސްކިތް އަލުން ރާވަނީ ޗާންދަނީ މަގު، މެދުޒިޔާރަތް މަގު ކަންމަތީގައި ދިރާގުގެ ކުރީގެ ހެޑްއޮފީސް ހުރި ބިމުގައެވެ. ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމަށް ޙަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަތަރު މަސްދުވަހުގެތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ. އެ ކުންފުންޏާ މި މަސައްކަތް ޙަވާލުކުރީ މިއަހަރުގެ އޮގަސްޓުމަހުގެ 7 ވަނަ ދުވަހު އެވެ. އެއީ 2.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މިސްކިތް އަލުން ރޭވުމުގެ ޢަމަލީ މަސައްކަތްތައް ކުރަމުންދަނީ ހެރިޓޭޖް ޑިޕާރޓްމަންޓުގެ ޓީމަކުންނެވެ.
ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ރަސްމީކޮށްފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހު އެވެ. އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.
ކަޅުވަކަރު މިސްކިތަކީ ދިވެހިންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލާއި ކަޅުވަކަރުގެ ކުރެހުންތައް ކަނޑާނެގިފައިވާއިރު، މިސްކިތުގެ އެތެރޭގެ ބައިތައްވެސް ހުންނަނީ ލާފެންކުރެވިފައެވެ. މި މިސްކިތަށް ކަޅުވަކަރު މިސްކިތޭ ކިޔުނީ މިސްކިތުގެ އެތެރޭގެ ވަޑާމަށް ކަޅުވަކަރު ބޭނުންކޮށްފައި ހުރުމުންނެވެ. ބުނެވޭ ގޮތުގައި މި ކަޅުވަކަރަކީ ޣިޔާސުއްދީން ރަދުންގެ ގަނޑުވަރުގައި ބޭނުންކޮށްފައި ހުރި ކަޅު ވަކަރެވެ.