ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޮއެއް ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ވައިބަރ ގުރޫޕަށްލުމަކީ އިސް ގާޒީ އަޙްމަދު ހައިލަމް ކުރެއްވި އިންސާނިއްޔަތާއި ކަރާމާތަށް ގެއްލުން ލިބޭފަދަ ޢަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ބުނެފި އެވެ.
ނަޞްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވަމުން ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ވައިބަރ ގްރޫޕުގައި ޝެއަރ ކުރި ފޮޓޯއާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާގެ ސުލޫކީ މައްސަލަ ބަލައި މަޤާމުން ސަސްޕެންޑްކޮށްފައެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ހޮނިހިރު ދުވަހުގެރޭ އިނގިރޭސިބަހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެފަދަ ޢަމަލަކީ އިސްމަޤާމުގައި ހުންނަވާ ގާޒީއެއްގެ ފަރާތުން ފެންނަން ޖެހޭ ފަދަ ޢަމަލެއް ނޫން ކަމަށެވެ. އަދި އެކަމަކީ ރާއްޖެ ބައިވެރިވެފައިވާ ޤާނޫނާއި ބައިނަލްއަޤުވާމީ އެންޓި ޓޯޗަރ ޤާނޫނާއި ޤަވާއިދު ތަކާއި މުޅިން ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށެވެ.
އެ ޢަމަލަކީ އިންސާނީ ކަރާމަަތަށް ގެއްލުންވާފަދަ ކަމެއް ކަމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާޤުން ވަނީ އެއްބަސްވެފައެވެ.
ހައިލަމްގެ ޢަމަލުތަކަކީ، އިންސާނީ ކަރާމާތަަށް ގެއްލުންވާ ފަދަ ކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޓީން ބުނެފައިވާއިރު، އެ ފޮޓޯ ގައި ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ފޮޓޯ ހުރިކަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެ، ހައިލަމް ވަނީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑަރިންގެ މައްސަލަ ބައްލަވާ ގާޒީ ހައިލަމް ސަސްޕެންޑްކޮށް އެމަނިކުފާނުގެ ޝަރީޢަތް ވަނީ ފަސްކޮށްފައެވެ. ރައީސް ޔާމީނަށް ޖަލު ޙުކުމެއް ކަށަވަރު ކޮށްދިނުމަށް ސަރުކާރުގެ އިސްފަރާތްތަކުން ނުފޫޒޫ ފޯރުވަމުންދާ ކަމަށް ހައިލަމްގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ. އެކަން ކްރިމިނަލް ކޯޓާއި މިހާރު ޙަވާލުވެވަޑައިގެން ހުންނެވި ގާޒީ ޢަލީ ރަޝީދަށް އެނގިވަޑައިގަންނަވާ ކަމަށް ގާޒީ ހައިލަމް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ޢަލީ ރަޝީދު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.