ރާއްޖޭގައި ކުރިއަށް ހިންގުމަށް ރާވަފައި ހުރި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ގެ ބައެއް މަޝްރޫޢުތަކަށް ރާއްޖޭގެ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ޓެންޑަރިންގެ އުޞޫލުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ހޮނހިރު ދުވަހުގެރޭ ބޭއްވި ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ޓެންޑަރިންއާ ގުޅޭ ކަރުދާސް އިކޮނޮމިކް ކައުންސިލުން ފާސްކުރުމަށްފަހު ގެޒެޓް ކުރާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ބޭރުން ފަންޑުކޮށްގެން ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށްގެންދާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ބިޑިންގ އަކަށް ހުޅުވާލުމުން މަޝްރޫޢުތައް ހިންގަން ބޭރުގެ ފަރާތްތަކުން ވާދަވެރި އަގުތަކެއް ހުށަހަޅަމުން އަންނަަކަން އަމީރު ފާހަގަކުރެއްވިއެވެ.
މީގެ ތެރެއިން ބައެއް ފަންޑެޑް ޕްރޮޖެކްޓްސް ތަކަކީ އެބޭފުޅުން އެބަ ރިކުއަރ ކުރޭ އެގްޒިމް ފައިނޭންސް ތުރޫކޮށް ދަންޏާ އޭގޭ މާނައަކީ އެޤައުމެއްގެ ކޮންޓްރެކްޓަރުން ލައްވާ އެ ޕްރޮޖެކްޓްގެ 65 ޕަސެންޓް އަޅުގަނޑުމެން މަސައްކަތް އެބަ ކުރަންޖެހޭ... މިސާލަކަށް އެގްޒިމް ބޭންކް ފައިނޭންސިންގެ ތެރޭގައި އެބޭފުޅުން ރިކުއަރ ކުރާނެ އެ ޤައުމެއްގެ ކޮންޓްރެކްޓަރުން މަދުވެގެން 65 ޕަސެންޓް ހިމަނަން.އިބްރާހިމް އަމީރު ~ ފިނޭންސް މިނިސްޓަރު ~
މިނިސްޓަރ ވިދާޅުވީ، ޑޮމެސްޓިކް ބަޖެޓުން ހިންގާ ޕްރޮޖެކްޓްތަކަށް ވަކި އުޞޫލެއްގެ ދަށުން ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް އުޞޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ އުޞޫލުގެ ދަށުން މަޝްރޫޢުތަކުގެ ކުޑަ، ބޮޑުމިނަށް ބެލުމަށްފަހު ބޭންޑްތަކެއް ކަނޑައެޅުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓރަ ވިދާޅުވިއެވެ.
އޭގެ ބޮޑު ކުޑަމިނަށް ބަލާފައި އަޅުގަނޑުމެން ބަލާނަން ބޭންޑްތަކެއް ލެވޭތޯ. މިސާލަކަށް 75 މިލިއަން ރުފިޔާއަށް ވުރެ ދަށް ޕްރޮޖެކްޓެއް ނަމަ އަޅުގަނޑުމެންނަށް ބުނެވިދާނެ ހަމައެކަނި ރާއްޖޭގެ މީހުނަށޭ ކުރިމަތި ލެވޭނީ. 75 މިލިއަނާއި ވަކި ވަރަކައި ދޭތެރޭން އަޅުގަނޑުމެންނަށް ބުނެވިދާނެ މި ވެނި ޕްރޮޖެކްޓްސް ތަކަށް ލެވިދާނެ ރާއްޖޭގެ ފަރާތްތަކާއި ބޭރުގެ ފަރާތްތަކާއި ޖޮއިންޓް ވެންޗަރ ހެދިގެން...އިބްރާހިމް އަމީރު ~ ފިނޭންސް މިނިސްޓަރު ~
އަމީރު ވިދާޅުވީ، ބަޖެޓުގެ ދިހަ ޕަސެންޓް ދާނީ ޑެޓް ސާރވިސިންއަށް ކަމަށާއި އެއީ އިންޓްރެސްޓް ޕޭމަންޓްސް ގޮތުގައި އާއި ޕްރިންސިޕަލް ޕޭމަންޓްސް ގޮތުގައި ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ބަލާލާއިރު މާލޭ ރީޖަންގައި 3.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަތޮޅުތަކުގައި 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.