ދެކުނު ކޮރެއާގައި މިހާރު ކުރިޔަށްދާ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ރާއްޖޭގެ ބޮޑީބިލްޑަރުން ދެ ލޯ މެޑަލް ހޯދައިފިއެވެ.
މި މުބާރާތުން ރާއްޖެއަށް ލޯމެޑަލް ލިބުނީ 55 ކިލޯގެ ސީނިއަރ މެންސް ކެޓަގަރީންނާއި ފިރިހެން 170 ސެންޓިމީޓަރު ބައިންނެވެ. 55 ކިލޯގެ ސީނިއަރ މެންސް ކެޓަގަރީން ރާއްޖޭގެ މުހައްމަދު މޫސާ ލޯ މެޑަލް ހޯދިއިރު ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރުން ބައިން ލޯ މެޑަލް ހާސިލުކުރީ ރާއްޖޭގެ އަޒްނީން ރަޝާދުއެވެ.
މީގެ ތެރެއިން މުހައްމަދު މޫސާ ވަނީ ނޭޕާލުގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީބިލްޑިންގ މުބާރާތުން ރަން މެޑަލް ހޯދައިފައެވެ.
ރާއްޖޭގެ އަޒްނީން ދެކުނު އޭޝިއާގެ މުބާރާތުން ރަން މެޑަލް ހޯދިކަމުގައި ވިޔަސް އޭޝިއާގެ މުބާރާތުން ލިބުނީ ހަތަރުވަނަ އެވެ.
ރާއްޖޭގެ ބޮޑީބިލްޑަރުން މި ހޯދި ކާމިޔާބަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަޚްލޫފް ވަނީ މަރުހަބާ ދަންނަވައިފައެވެ. އެގޮތުން މިނިސްޓަރ މަޚްލޫފް ވިދާޅުވީ މިއީ ރާއްޖޭގެ ބޮޑީބިލްޑިންގ ތާރީޚުގައި ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށާއި އެހެންކަމުން އެކަމަށް ރާއްޖޭގެ ހުރިހާ ބޮޑީ ބިލްޑަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.