ބާސެލޯނާ ވެރިންގެ އިތުބާރު އޭނާ އަށް އެބައޮތް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފިއެވެ.
ސްޕެނިޝް ލީގުގައި މިދިޔަ ހަފްތާ ލެވަންޓޭ އަތުން ބާސެލޯނާ ބަލިވިއިރު، އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުންވީ އެއްވަރެވެ. ލީގުގައި ބާސެލޯނާ މިހާތަނަށް ތިން މެޗުން މެޗުން ބަލިވެފައިވާއިރު، ބާސެލޯނާއިން ނެރެމުންދާ ދަށް ނަތީޖާ ތަކުގެ ސަބަބުން ސަޕޯޓަރުންގެ ނުރުހުން ވަނީ ކޯޗު ވަލްވޭޑޭ އަށް އަމާޒުވެފައެވެ.
މިކަމާއި ބެހޭ ގޮތުން ވަލްވޭޑޭ ބުނީ ކްލަބުން އޭނާ އަށް ފުރިހަމައަށް ސަޕޯޓްދޭ ކަމަށާއި ކްލަބްގެ ވެރިން އޭނާ އަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި އެއްވެސް އިރެއްގައި ކްލަބުން އޭނާ އަށް އިތުރު ޕްރެޝާތަކެއް ކޮށްފައި ނުވާކަމަށް ވަލްވޭޑޭ ބުންޏެވެ. ވަލްވޭޑޭ އިތުރަށް ބުނީ އޭނާ އަށް އާންމުންގެ ފާޑު ކިޔުންތައް ކަމުނުދިޔަ ކަމުގައި ވިޔަސް ކުރިޔަށްދެވޭނީ ފާޑުކިޔުންތަކާއި އެކުގައި ކަމަށާއި މިވަގުތު ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ ސްލަވިއާ އަތުން މޮޅު ނުވެވުމުން ކަމަށެވެ.
މިވަގުތު ކްލަބް އޮތީ އެންމެ ފޯމުގައި ނޫންކަމަށް ބުނަމުން ވަލްވޭޑޭ ބުނީ ކްލަބުގައި އަނިޔާގެ މައްސަލަތައް ހުރުމުން ކުޅުންތެރިން މޯޓިވޭޓް ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެކަމަކު ހުރިހާ ކަމެއް ހައްލު އަންނާނީ ގިނަ މެޗުތަކުން މޮޅުވެގެން ކަމަށް ވަލްވޭޑޭ ބުންޏެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާ ހޮނިހިރު ދުވަހުގެ ރޭ ނިކުންނާނީ ސެލްޓަ ވީގޯއާއި ދެކޮޅަށެވެ.