ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ވޮމެންސް އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ކިރިގިސްތާން ބަލިކޮށް ރާއްޖެއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-2 ސެޓެންނެވެ.
މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު ރާއްޖެއިން ކާމިޔާބުކުރީ 26-24 އިންނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު ކިރިގިސްތާނުން ވަނީ ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފައެވެ. މި ދެ ސެޓު ކިރިގިސްތާނުން ކާމިޔާބުކުރީ 25-22 އަދި 25-14 އިންނެވެ.
ރާއްޖެއިން ވަނީ މެޗުގެ ފަހު ދެ ސެޓުގައި ކުޅުން ރަނަގަޅުކޮށް ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. އެ ގޮތުން މެޗުގެ ހަތަރުވަނަ ސެޓު ރާއްޖެއިން ވަނީ ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފައެވެ. މި ސެޓު ރާއްޖެއިން ގެންދިޔައީ 25-18 އިންނެވެ. އަދި ފަސްވަނަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ 15-10 އިންނެވެ.
މިފަހަރުގެ މުބާރާތައް ރާއްޖެއިން ގޮންޖެހުންތަކަކާއި އެކު ކުރިމަތިލީ ނަމަވެސް ރާއްޖެއިން މި މުބާރާތާއި ކުރިމަތިލީ މެޑައްޔެއް ކާމިޔާބުކުރުމަށެވެ.
އޭޝިއަން ސެންޓްރަލް ޒޯނުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި އާދީއްތަ ދުވަހު ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްއާއި ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި ހޯމަ ދުވަހު އަފްޣާނިސްތާނާ ބައްދަލުކުރާ އިރު ފަހު މެޗުގައި ރާއްޖެއިން ބައްދަލު ކުރަން ޖެހޭނީ ނޭޕާލާއެވެ.