އަޔޯރާ ސަމިޓުގެ ތެރެއިން ގިނަ ގައުމުތަކުގެ އިސްވެރިންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވާ ރާއްޖެއާ އެގައުމުތަކުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ މަޝްވަރާކުރައްވައިފިއެވެ.
ޔުނައަޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ ކައުންސިލް އޮފް މިނިސްޓަރސްގެ 19 ވަނަ ބައްދަލުވުމުގައި ބައިވެރިވެޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ޕާލިމެންޓްރީގެ ވައިސް މިނިސްޓަރު ނަކަޓާނީ ސިނީޗީއާ ބައްދަލުކުރައްވާފައިވާއިރު، ސީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ބެރީ ފޮރީއާއި، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ޑިރެކްޓަރ ޖެނަރަލް މުހައްމަދު އަލް ސުވައިދީ އަދި މަޑަގަސްކަރާގެ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޖެނަރަލް ރަޓްސިމަންޑާއޯ ތަހިރިމިއަރކަޑާޒާ ވަނީ ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން ސައުތު އެފްރިކާގެ ބައިނަލްއަގްވާމީ ގުޅުންތަކާ ބެހޭ މިނިސްޓަރު ޑރ.ނަލޭޑީ ޕެންޑޯއާއި، އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވެއްލަމްވެއްލީ މުރަލީދަރަންއާއި، އިންޑިއަން އޯޝަން ރިމް އެސޯޝިއޭޝަން ސެކްރެޓަރީ ޖެނަރަލް ނަމްވުޔޯ ނޮކްވޭ އަދި ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިހް އަބްދުﷲ ބިން ޒައިދް ބިން ސުލްތާން އަލް ނަހުޔާންއާ ވަނީ ބައްދަލުކުރައްވާފައެވެ.
މިބައްދަލުކުރެއްވުންތަކުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއާ އެގައުމުތަކުގެ ގުޅުން އިތުރަށް ހަރަދުނާ ކުރާނެ ގޮތްތަކާއި، ދެގައުމު ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާ ކަނޑުގެ އަމާންކަން ބަލަހައްޓާ ކުރައްވާ މަސައްކަތްތަކަށް ގައުމުތަކުގެ އެއްބާރުލުން ދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
މިއީ ނޮވެމްބަރ 2018 ގައި އަޔޯރާގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ ވީ ފަހުން ދިވެހިރާއްޖެއިން އަޔޯރާ ސަމިޓްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މިނިސްޓަރު ޝާހިދު ވަނީ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހުކުރު ދުވަހު ހެނދުނު މާލެ ވަޑައިގެންފައެވެ.