ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ބޭބޭފުޅު ފާރިސް މައުމޫން އަދި ފިރިކަލުން އަހުމަދު ނަދީމް ޖަލަށްލައި، ރައީސް ޔާމީން ދިން އަނިޔާތަށް ތާޒާކަންމަތީ އިއްޔެ ހިނގި ކަމެއްހެން ހަނދާން އެބަހުންނެވި ކަމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
އެކަމަަނާ އެހެން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ބައްޕާފުޅު އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުފެއްދުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި، މައުމޫނާއި، ފާރިސް އަދި ނަދީމު، ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. ރައީސް މައުމޫންގެ ސިޔާސީ ހަޔާތަށް އަލިއަޅުއްވާލައްވަމުން ޔުމްނާ ވިދާޅުވީ، ސިޔާސީ ޕާޓީތައް ވުޖޫދުވެގެން އައުމަށް ފަހު ބައްޕާފުޅު އުފެއްދެވި ޑީއާރްޕީގެ އިތުރުން ޕީޕީއެމް އަކީ ވެސް ސިޔާސީ މައިދާނުގައި ކާމިޔާބު ޕާޓީތަކެއް ކަމަށެވެ.
ރައީސް ޔާމީން އަށް ވެރިކަމަށް ވަޑައިގަނެވުނީ ރައީސް މައުމޫންގެ ތާއިދާއެކުއެވެެ. ޕީޕީއެމް ކާމިޔާބު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކުރިޔަށް ދަނިކޮށް އޭރު އޮތް ޕީޕީއެމްގެ އަމާޒު ބަދަލުވެ ގައުމާއި ރައްޔިތުންގެ މަސްލަހަތާއި ދެކޮޅަށް ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފެށި މަންޒަރު ފެނިގެން ދިޔަ ކަމަށް ޔުމްނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ، ޕާޓީ ތެރޭގައި ހުންނަވައިގެން އެކަންކަމާއި ރައީސް މައުމޫން ސީދާ ދެކޮޅު ހައްދެވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫނުވެސް މަޖިލީހުގައި އެކަމާއި ދެކޮޅު ހައްދަވައި އަޑު އުފުލަމުން ގެންދެވި ކަމަށެވެ.
މައުމޫން އަތުން ޕާޓީ ނިގުޅައިގަތަސް އެމަނިކުފާނާއި އިސްލާހަށް މަސައްކަތް ކުރި އެތައް ބަޔަކު ޖަލަށްލަމުން ދިޔައިރުވެސް ހިތްވަރު ކުރި ކަމަށާއި، މެދު ނުކެނޑި މަސައްކަތް ކުރައްވަމުން ގެންދެވި އިސްލާހަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކަޅު ފޮއްޓެއްގެ ބަހަނާ ދައްކާ ތުއްތު ކުއްޖަކާ މަޔަކާއި ދޫކުރި ހަނދާން އިއްޔެވީ ކަމެއްހެން މިއަދުވެސް ހަނދާން އެބަހުރި. އެއްވެސް ހައްގަކާއި ނުލައި އަޅުގަނޑުގެ ބައްޕަ، ކޮއްކޮ އަދި ފިރިމީހާ ޖަލުގައި ގެންގުޅުން ހަނދާން ތާޒާ ކަންމަތީ އެބަހުރިޔުމްނާ މައުމޫން ~ ރައީސް މައުމޫންގެ ދަރިކަނބަލުން ~
އޭރު ކުރެވުނު މަސައްކަތުގެ ނަތީޖާ އަކަށް ވެގެން ދިޔައީ ކޯލިޝަން ސަރުކާރެއް އުފެދުނުކަން ފާހަގަ ކުރައްވަމުން ޔުމްނާ ވިދާޅުވީ، ގައުމާއި ރައްޔިތުންގެ ލާބަައަށް އިސްކޮށް ކުރެވުނު މަސައްކަތަށް ނިމުމެއް ނެތް ކަމަށެވެ.
އެމްއާރްއެމް އާއި އެކު އަމާޒު ހިފަނީ އިސްލާހީ މަތިވެރި އަގީދާގައި ސާބިތުވެތިބެ މިނިވަން ކަމާއި ސިޔާދަތު ހިފަހައްޓާ ޑިމޮކްރަސީ ވަރުގަދަ ކުރުން ކަމަށް ވިދާޅުވިއެވެ. އަދި މި ދަތުރަކީ މީގެ އެތަކެއް އަހަރު ކުރިން ރިޔަލު ދޯނީގައި ރައީސް މައުމޫން ފެއްޓެވި އިސްލާހީ މަސައްކަތްކަން މިނިސްޓަރު ޔުމްނާ ފާހަގަކުރެއްވިއެވެ.