Advertisement
ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 18:06
ވޯލްޑް ބޭންކުގެ ވަފްދާއި އެކު ރައީސް ސޯލިހު ބޭއްވެވި ބައްދަލު ކުރުމުގެ ތެރެއިން
ވޯލްޑް ބޭންކުގެ ވަފްދާއި އެކު ރައީސް ސޯލިހު ބޭއްވެވި ބައްދަލު ކުރުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
މަޝްރޫއުތަކަށް ފައިސާ ހޯދުމާ ބެހޭގޮތުން، ވޯލްޑް ބޭންކާ މަޝްވަރާކޮށްފި
ވޯލްޑް ބޭންކުން ލިބެމުންދާ އެހީތެރި ކަަމަށް ރައީސް ޝުކުރު އަދާކުރެއްވި
ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އިއުލާން ކޮށްފައިވާކަން ފާހަގަކުރެއްވި
ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވޯލްޑް ބޭންކުން އެރުވި

އެކިއެކި މަޝްރޫއުތަކަށް ފައިސާ ހޯދުމާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯލްޑް ބޭންކާ މަޝްވަރާ ކުރައްވައިފިއެވެ.

ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކުގެ ވަފުދާއި ރައީސް ވަނީ ބުރާސްފަތި ދުވަހު ބައްދަލު ކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވޯލްޑް ބޭންކުގެ ވަފުދާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ރައީސް ސޯލިހު ވަނީ, ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހިމެނޭ މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި ވޯލްޑް ބޭންކުން ވެދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

Advertisement

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖެ ތަރައްގީ ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި ރާއްޖޭގެ މާލީ ހާލަތާއި ބެހޭގޮތުންނާއި، އެކިއެކި މަޝްރޫއުތަކަށް ފައިސާ ހޯދުމާ ބެހޭގޮތުން އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވަނީ ދިވެހި ސަރުކާރުން ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކަށް އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވައި 2023 ވަނަ އަހަރުން ފެށިގެން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އިއުލާން ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއަށް ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކުގެ ވަފުދުގެ ބޭފުޅުން. ފޮޓޯ: ރައީސް އޮފީސް

އޭގެއިތުރުން އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް ކަންކަންވެސް އެ ބައްދަލުކުރެއްވުމުގައި ރައީސް ފާހަގަކުރެއްވިއެވެ. ވޯލްޑް ބޭންކުގެ ޓީމުން ވަނީ ރާއްޖޭގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މާލީ ދާއިރާ ހަރުދަނާކުރުމަށް އެ ބޭންކުން އެހީތެރިވާން ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ވޯލްޑް ބޭންކުން ވަނީ ރައީސް އަށް އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 ނޮވެންބަރ 2019 | ބުރާސްފަތި 20:14
ސީދާ
ވަރަށް ރަނގަޅު މަޝްވަރާތަކެއް