ސުޕުރީމް ކޯޓުގެ ހަތަރު ފަނޑުޔާރެއްގެ މެންދުރު ފަރިއްކޮޅަށް އެ ކޯޓުގެ ޕެޓީ ކޭޝްގެ ގޮތުގައި ބޭނުންކުރަން ބަހައްޓާފައިވާ ފައިސާ ޚަރަދުކުރާ ކަމަށްބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އަމިއްލަ ފަރާތަކުން ބުރާސްފަތި ދުވަހު އޭސީސީއަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ އެ ހަތަރު ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ކަމަށެވެ.
ސްޕްރީމް ކޯޓުގެ މުވައްޒަފަކު، އެކޯޓުގެ ވޭނުގައި ހުޅުމާލޭގައި ހުންނަ ބޮމްބޭ ދަރުބާރަށް ފޮނުވައިގެން ފަރިއްކޮޅު ގެންނަވައިގެން މި ހަތަރު ފަނޑިޔާރުން ފަރިއްކުޅުވަނީ ސްޕްރީމް ކޯޓުގެ ތެރޭގައި ކަމަށް ސިޓީގައި ވެއެވެ.
އެ ކޯޓުގެ މުވައްޒަފަކާއި ހަވާލާދީ އަމިއްލަ ފަރާތަކުން ފޮނުވާފައިވާ މި ސިޓީގައި ބުނެފައިވަނީ މިއީ ހުއްދަ ކަމަކަމަށް ނުވާނޭ ކަމަށް ދެކިގެން މި ފަރިއްކޮޅުގައި ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުން ބައިވެރި ނުވާ ކަމަށެވެ.
މީގެ އިތުރުން ފަނޑިޔާރުން ފަރިއްކުޅުވަން ބޭނުންވާ އެއްޗެއް ހުރި ކޮންމެ ތާކުން ހޯދުމަށް ސްޕްރީމް ކޯޓުގެ ވޭނުގައި އެ ކޯޓުގެ މުވައްޒަފުން ފޮނުވުމަކީ މުވައްޒަފުންނާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް އެސިޓީގައި ބުނެފައިވެއެވެ.
މި ހަތަރު ފަނޑިޔާރުން އެކޯޓުގެ ޕެޓީކޭޝް ފައިސާ ޤާނޫނާއި ޚިލާފަށް އަމިއްލަފުޅު ބޭނުންތަކަށް ބޭނުންކުރައްވަމުން ގެންދަވާ މައްސަލައާއި އެކޯޓުގެ ވަސީލަތްތަކާއި މުވައްޒަފުންގެ އަމިއްލަފުޅު ބޭނުންތަކަށް ބޭނުންކުރާ މައްސަލަ ބައްލަވައިދެއްބވުމަށް ސިޓީގައި ވަނީ އެދިފައެވެ.