މާލޭގައި ސްކޫލްތަކަށް ކުރީގައި ކުދިން ވައްދަމުން ގޮސްފައިވަނީ އެއްވެސް އުސޫލެއް ނެތި ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުރީގައި ސްކޫލްތަކަށް ކުދިން ވައްދާފައި ހުރީ މިނިސްޓަރ ރައްޓެހިން ނުވަތަ މެމްބަރުން ވިދާޅުވެގެން ނުވަތަ އެހެން ބޭފުޅެއް ވިދާޅުވެގެން ކަމުގައެވެ. އެހެންކަމުން ސްކޫލްތަކުގައި ތިބެނީ އެ ސްކޫލެއް ހުންނަ އޭރިއާގައި ދިރިއުޅޭ ކުދިންނޫންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ އެކަމުގެ ސަބަބުން މިފަހަރު ކުދިން ސްކޫލްތަކަށް ވެއްދުމުގައި ދަތިތަކެއް ދިމާވަމުން އަންނަ ކަމަށެވެ. އެގޮތުން އެއްބަނޑު އެއްބަފާ ކުދިން އެއް ސްކޫލަކަށް ވެއްދުމުގައި ދަތިތައް ދިމާވަމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެހެންވީމާ މިހާރު މިސާލަކަށް ހުޅުމާލޭގައި އުޅޭ ކުއްޖެއް އެ ކުއްޖާގެ ކެޗްމަންޓަކަށް މާލޭ ސްކޫލެއް ނުވާނެނޫންތޯ. އެހެންވީމާ މިކުއްޖާގެ ސިބްލިންގ އަޅުގަނޑުމެންނަށް މާލޭ ސްކޫލަކަށް ގެނެވިދާނެތޯ. އެފުރުސަތުވެސް އޮތިއްޔާ އަޅުގަނޑުމެން އެފުރުސަތުވެސް އެބަދެން. ނަމަވެސް އަޅުގަނޑު މިދަންނަވާ ދެ ސްކޫލުގައި ޖާގަ މަދުކަމަށްޓަކައި އެ އެކޮމެޑޭޓް ކުރެވެން ނެތީއެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ
މިއަހަރުގެ އޮކްޓޯބަރ މަހު އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މާލޭ ސްކޫލްތަކުން ޖާގަ ދިނުމާއި ބެހޭ ސާކިޔުލާ އެއް ސްކޫލްތަކަށް ފޮނުވާފަ އެވެ. މި ސާކިޔުލާގައި ބުނާގޮތުން މާލޭ ސްކޫލްތަކަށް ކުދިން ވެއްދުމުގައި އެންމެ އިސްކަމެއް ދޭނީ މާލޭގެ ރަށްވެހިންނަށެވެ. އެއަށްފަހު އެ ސްކޫލެއް ހުންނަ އޭރިއާގައި ދިރިއުޅޭ ކުދިންނަށެވެ. ދެން އިސްކަންދިނުމަށް ހަމަޖެހިފައިވަނީ އެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރުންގެ ދަރިންނަށެވެ. މީގެކުރިން ސްކޫލަށް ކުދިން ވެއްދުމުގައި އެންމެ އިސްކަމެއް ދީފައިވަނީ ކޮންމެ ތާކު ރަޖިސްޓްރީ ވެފައިވީ ނަމަވެސް އެ ސްކޫލެއް ހުންނަ އޭރިއާގައި ދިރިއުޅޭ ކުދިންނަށެވެ.
މިނިސްޓަރ ވިދާޅުވީ ސްކޫލްތަކަށް ކުދިން ވައްދާ އުސޫލަށް ބަދަލުގެންނަން ޖެހުނީ މާލޭގެ ދެ ސްކޫލެއްގައި ޖާގައިގެ ދަތިކަން ދިމާވެފައިވާތީ އެވެ. އެ ދެ ސްކޫލަށް ވަނުމަށް އެދިފައިވާ އަދަދަށް އެ ސްކޫލްތަކުގައި ޖާގަ ނެތްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ އިސްކަންދަރު ސްކޫލްގެ ގްރޭޑް އެކަކުން ޖާގަދެވެނީ 90 ދަރިވަރުންނަށް ކަމަށް ވިޔަސް އެ ސްކޫލް ހިމެނޭ ސަރަހައްދުގައި 288 އަށް ވުރެ ގިނަ ކުދިން އުޅޭ ކަމުގައެވެ. ޖަމާލުއްދީން ސްކޫލްގެ ގްރޭޑް އެކަކުން ޖާގަ ދެވެނީ 120 ދަރިވަރުންނަށެވެ. ނަމަވެސް އެ ސްކޫލް ހިމެނޭ ސަރަހައްދުގައި 396 އަށްވުރެ ގިނަ ދަރިވަރުން އުޅޭ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި ދިރިނޫޅޭ މީހުން، އެ ސަރަހައްދުގައި އުޅޭކަން ދައްކަން ލިޔުން ހުށަހަޅައި ސްކޫލުން ޖާގަ ހޯދުމަށް މަސައްކަތް ކުރާ ކަމުގައެވެ. އެހެންވެ އެ ސްކޫލެއް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނަށް ޖާގަ ލިބުމުގެ ފުރުސަތު ހަނިވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.