އިންޑިއާ ކަނޑުގެ ޤައުމުތައް ބައިވެރިވާ، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ 19 ވަނަ ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ޔޫއޭއީގެ އަބޫދާބީ އަށް ފުރާވަޑައިގެންފިއެވެ.
މިއީ ރާއްޖެއިން އަޔޯރާ ގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. ބައްދަލުވުމަށް ފުރާވަޑައިގަތުމުގެ ކުރިން އެއަރޕޯޓުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ، އަޔޯރާ އެކުލަވައިލުމުގައި ކުރީގެ ޚާރިޖީ ވަޒީރު ފަތުހުﷲ ޖަމީލުގެ ވަރަށް ބޮޑު ބައިވެރިވެ ވަޑައިގަތުމެއް އޮތް ކަމަށެވެ. ދިވެހިރާއްޖެ އަކީ އަޔޯރާގެ ފުރިހަމަ މެމްބަރަކަށް ބުދަ ދުވަހު ވެގެންދާނެކަމަށާއި، މިފަދަ ފުރުޞަތުތައް ރާއްޖެއަށް ލިބިގެންދަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ، އެ ބައްދަލުވުމުގެ މައިގަނޑު ޢަމާޒަކަށް ވެގެންދާނީ އިންޑިޔާ ކަނޑުގެ ހަމަޖެހުމާއި، ޞުލްޙަ މަސްލަސް ކަމާއި ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް ހަލުވި ކުރުން ކަމަށެވެ.
މި ޞަރަޙައްދަކީ މި އިންޑިޔާ ކަނޑަކީ ޞުލްޙަވެރި އަމާން ހަމަޖެހޭ ޞަރަޙައްދެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރަންޖެހޭ. ހުރިހާ މަސައްކަތެއްގައި އެންމެ ކުރިޔަށް ދިވެހިރާއްޖެ އޮންނާނެއަބްދުﷲ ޝާހިދު ~ ފޮރިން މިނިސްޓަރު ~
އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) އަކީ އިންޑިއާ ކަނޑާއި ގުޅިފައިވާ ޤައުމުތަކުގެ ޖަމްޢިއްޔާއެވެ. އެ ޖަމްޢިއްޔާ އުފެދިފައިވަނީ 1997 ވަނަ އަހަރުގެ މާރޗު މަހުގައެވެ.
މި ޖަމްޢިއްޔާ އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ދެކުނު އެފްރިކާގެ އޭރުގެ ރައީސް ނެލްސަން މަންޑޭލާ 1995 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އެ ޖަމްޢިއްޔާގެ ނިންމުންތައް ނިންމާ އެންމެ އިސް ގުނަވަނީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެވެ.