އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށް 21 ގަޑީރު ހޭދަވާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ފާހަގަކުރާ ކަންކަން ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ އާންމު ކޮމެޓީން ނިންމަވާފައިވަނީ ބަޖެޓަށް ފުރަތަމަ ފުރުސަތުގެ ގޮތުގައި ބަހުސްކުރުމަށް ކޮންމެ މެމްބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދިނުމަށް ކަމަށެވެ. ކޮމެޓީއަށް ފަހު 7 މިނެޓްގެ ވަގުތު ދިނުމަށް އާންމު ކޮމެޓީން ފާސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވީމާ އަޅުގަނޑުމެން ބަޖެޓްގެ ބަހުސް ރޭ ގަނޑާއެކުގައި ކުރިޔަށްގެންދަން ޖެހޭނެކަމަށް އަޅުގަނޑު ލަފާކުރަނީ. ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ބަޖެޓް ކޮމެޓީން ކުރައްވާނެ. އަދި އަންގާރަ ދުވަހު އަޅުގަނޑުމެންނަށް ތަޅުމުގައި ބަޖެޓާއި ގުޅޭގޮތުން ބަހުސް ފެށޭނެ. އާންމު ކޮމެޓީން ފިނޭންސް މިނިސްޓަރަށް ދެއްވާފައިވަނީ 45 މިނެޓް. އެހެންވީމާ 45 މިނެޓް ފިނޭންސް މިނިސްޓަރ ބޭނުންފުޅުވާ ގޮތަކަށް ބޭނުންކުރެވޭނެ.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ރޭ ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒު އައްޔަނުކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އަދި ނައިބު މުގައްރިރަކަށް އަލިފުށީ ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދު ހުސައިން އައްޔަނުކުރުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.
ކޮމެޓީ ބައްދަލުވުމުގައި ނާޝިޒް ވިދާޅުވީ ބަޖެޓް ދިރާސާކޮށް މިމަހުގެ 20 ގެ ކުރިން ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 37.5 ބިލިއަން ރުފިޔާއެވެ.