ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ޖަލްސާގައި ތިން މެމްބަރެއްގެ ނަން އިއްވާ އެ މެމްބަރުން މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިގަތުމަށް އަންގަވައިފި އެވެ.
ނަން އިއްވި މެމްބަރުންނަކީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިޤް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ނަޝީދާއި ނައިފަރު ދާއިރާ ގެ މެމްބަރ އަހުމަދު ޝިޔާމް މުހައްމަދުއެވެ. މަޖިލީހުގެ ރައީސް ވަނީ އެމެމްބަރުންނަށް ތަކުރާރުކޮށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ވިދާޅުވެ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
ތިން މެމްބަރުންގެ ނަން އިއްވާފައިވާއިރު ހޯމަ ދުވަހުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރ އަހުމަދު ތޯރިގް ތަކުރާރުކޮށް ކަށިގަނޑު ފުންމަވާތީ ކަށިގަނޑު ނުފުންމަވާނެކަމަށް 100 ފަހަރު ލިޔުމަށް މަޖިލީހުގެ ރައީސް ވަނީ ތޯރިގަށް އަންގަވާފަ އެވެ.
މިއަދުގެ ޖަލްސާ ފެށުނީއްސުރެ އިދިކޮޅު މެމްބަރުން ގެންދަވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ. އެންމެ ފުރަތަމަ އިދިކޮޅު މެމްބަރުން ނިޒާމީ މައްސަލަ ނަންގަވާ އަޑުގަދަ ކުރައްވަން ފެއްޓެވީ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ހާޒިރުކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާތީ އެވެ.
އިދިކޮޅު މެމްބަރުން ތުހުމަތު ކުރައްވަމުން ގެންދެވީ މިއަދަށް ތާވަލް ކުރެވިފައިވާ ކުރީގެ ރައީސް ޔާމީންގެ ޝަރީޢަތަށް މަޖިލީހުގެ ރައީސް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާކަމުގަ އެވެ. މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމަށްފަހު ވަނީ އިސްގާޒީ ހައިލަމް ސަސްޕެންޑް ކޮށް މިއަދު ބާއްވަން ތާވަލްކޮށްފައިވާ ރައީސް ޔާމީންގެ ޝަރީޢަތް ކެންސަލް ކޮށްފަ އެވެ.
ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.
އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވާ ކަށިގަނޑު ފުމެމުންދާ މަންޒަރު ފެނެއެވެ.