ޖަރުމަނު ލީގުގައި އެއިންޓްރަކްޓް ފްރޭންކްފާރޓް އަތުންވި ބޮޑު ބައްޔާއެކު ބަޔާން މިޔުނިކުން އެޓީމުގެ ކޯޗު ނިކޯ ކޮވަޗް ވަކިކޮށްފިއެވެ.
އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން ބަޔާން ބަލިވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.
މިއީ މިދިޔަ 10 އަހަރު ތެރޭ ބަޔާން ލީގުގައި އެންމެ ތަފާތު ބޮޑިކޮށް ބަލިވި މެޗެވެ. ބަޔާނުން 2009 ވަނަ އަހަރު ވަނީ ވުލްފްސްބާރގް އަތުން ވެސް 5-1 ގެ ނަތީޖާ އަކުން ބަލިވެފައެވެ.
ބަޔާނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ކޮވަޗްއާ މަޝްވަރާކުރުމަށްފަހު ދެ ފަރާތުން އެއްބަސްވެގެން ނިންމި ނިންމުމެއް ކަމަށެވެ.
ކޮވަޗް ވަކިކުރުމަށްފަހު ބަޔާންގެ ޗީފް އެގްޒެކެޓިވް ކާލް ހެއިންޒް ރުމެނިގާ ވިދާޅުވީ މި ނިންމުމަކީ ކުއްލި ގޮތަކަށް ނިންމި ނިމްމުމެއް ނޫން ކަމަށާއި ފާއިތުވި ހަފުތާތަކުގައި ބަޔާން ކުޅުނު މެޗުތަކުގައި ނަތީޖާ ނެރުމުގައި މައްސަލަތައް ހުރިކަން ފާހަގަ ވުމުން ނިންމި ނިންމުމެއް ކަމަށެވެ. އަދި މިވަގުތު މި ނިންމުން ނިންމީ އިތުރަށް ކުރިޔަށް ދެވޭނީ ބަދަލަކާއެކު ކަމަށް ކްލަބުން ދެކޭ ކަމަށެވެ.
ބަޔާނުން މި ނިންމުން ނިންމުމާއެކު ކޮވަޗް ބުނީ ބަޔާނުން ނިންމި ނިންމުމަށް އޭނާ އިހުތިރާމް ކުރާ ކަމަށާއި، އޭނާ އަބަދުވެސް އެދެނީ ކްލަބަށް ރަނގަޅު ގޮތް މެދުވެރިވުމަށް ކަމަށެވެ.
ކޮވަޗް ބަޔާން އާއި ހަވާލުވީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. އޭނާ ވަނީ ބަޔާން އާއި އެކު ޖާރމަން ލީގުގެ އިތުރުން ޖާރމަން ކަޕް ކާމިޔާބުކޮށްފައިވެއެވެ. ބަޔާންގެ ކޯޗުކަމާއި ހަވާލުވުމަށްފަހު ކުޅުނު 65 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ 45 މެޗުންނެވެ.