ވޯލްޑްކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި އަމިއްލަ ގައުމުގައި މި މަހު ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓުބޯޅަ ޓީމުން އަންގާރަ ދުވަހު މެލޭޝިއާ އާއި އެކު އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.
މެލޭޝިއާގައި މިހާރު ކޭމްޕު ކުރަމުން އަންނަ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ބުނީ މިއީ ނަތީޖާ ނެރުމަށް ކުޅޭ މެޗެއް ނޫން ކަމަށާއި މިއީ ކުޅުންތެރިންގެ ފެންވަރު ވަޒަން ކުރުމުގެ ގޮތުން ކުޅޭ މެޗެއް ކަމަށެވެ.
މީގެ އިތުރުން ސެގާޓް ބުނީ މެލޭޝިއާއާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވާނެ ކަމަށާއި ދުވާލަކު ދެ ފަހަރު ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށް ފަހު މި މެޗު ކުޅޭ އިރު މެޗުގެ ނަތީޖާ އޭނާ އަށް މުހިންމު ނޫން ކަމަށެވެ. އަދި މިވަގުތު މުހިންމީ އަމިއްލަ ގައުމުގައި ފިލިޕީންސް އާއި ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ކަމަށް ސެގާޓް ބުންޏެވެ.
ދުވަސްވީ ކުޅުންތެރިންނާއި އެއްވަރަށް ޒުވާން ކުޅުންތެރިންގެ ވެސް ޒިންމާ އެއްވަރަކަށް އެބައޮތް ކަމަށް ބުނަމުން ސެގާޓް ބުނީ މި ޓީމަކީ ހުރިހާ މަސައްކަތެއް އެކުގައި ކުރާނެ ޓީމެއް ކަމަށެވެ.
ރާއްޖެއިން 2018 ވަނަ އަހަރު ނޮވެމްބަރު މަހުގައި ކުޅުނު އެކުވެރިކަމުގެ މެޗުން ވަނީ 3-0 ގެ ނަތީޖާ އަކުން ބަލިވެފައެވެ.
ވޯލްޑްކަޕް ކޮލިފިކޭޝަން ކޮލިފިކޭޝަނުގައި އަމިއްލަ ގައުމުގައި ފިލިޕީންސް އާއި ގުއާމާއި ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުމަށް ހަމަޖެހިފައިވާ ދެމެޗުގެ ފޯރި ގަދަކުރުމަށް އެފްއޭއެމް އާއި ސަރުކާރާއި ގުޅިގެން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.
ގައުމީ ޓީމު ކޮމެޓީގެ ޗެއަރމަން އަލީ ވަހީދު ވިދާޅުވީ މި ދެ މެޗަށް ސަޕޯޓަރުން ނެރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އެގޮތުން، ގަލޮޅު ދަނޑު ފުރާލާ މަޖީދީ މަގުގައި ސްކްރީން ބަހައްޓައިގެން ވެސް ބެލޭނެ ގޮތް ހަދާނެ ކަމަށެވެ.
ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ސީރިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. ކޮލިފިކޭޝަނުގައި ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމް އަތުން 1-0 ގެ ނަތީޖާ އަކުންނެވެ.
ރާއްޖެ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ސީރިއާ ނުވަ ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކުގައެވެ. މިގްރޫޕްގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު ހަތަރުވަނައިގައި ރާއްޖެއިން އޮތީ ތިންޕޮއިންޓާއެކުގައެވެ. އަދި ގްރޫޕްގެ ފުލުގައި ގުއާމް އޮތީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓެއް ނުލިބިއެވެ.