ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތަން ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ތަޅުން ހޫނުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާއި ގުޅޭ ރިޕޯޓާއި ގުޅޭ މައްސަލަ ޖުޑީޝަރީ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދު ގާޒީ ހައިލަމްގެ މައްސަލަ ނަންގަވާ ވާހަކަދައްކަވަން ފެއްޓެވުމުން އިދިކޮޅު މެމްބަރުން ވަނީ އަޑުގަދަ ކުރައްވަން ފަށްޓަވާފަ އެވެ. އަދި އެމްޑީޕީ މެމްބަރުން ގެންދަވަނީ އެރިޕޯޓަށް ބަހުސްކުރައްވާ ރައީސް ޔާމީން އާއި އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުންނެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ޚިޔާނާތުގެ މައްސަލައިގެ ޝަރީޢަތުގެ ހުކުމް އިއްވުން މާދަމާ އޮންނައިރު އެމައްސަލަ ބައްލަވާ ގާޒީ އަކީ އެކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އެވެ. އެމްޑީޕީ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ގާޒީ ހައިލަމް އެމައްސަލާގައި ރައީސް ޔާމީނާ އެއްކޮޅަށް ހުކުމް އިއްވުމަށް ފައިސާ ނަގާފައިވާކަމަށެވެ.