Advertisement
ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 15:01
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި--
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި--
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މާލިއްޔަތު ކޮމެޓީ
ނޫމަޑި މައްސަލަ: ދައުލަތާ ދެކޮޅަށް ބަޔާން ދެވުނީ ކޮންބަޔަކަށް ކަމެއް މުއިއްޒަށް އެނގިވަޑައި ނުގެންނެވި!
އެ އެއްބަސްވުން ބާތިލް ކުރީވެސް މުއިއްޒު
އެ އެއްބަސްވުން ބާތިލް ކުރުމަށްފަހު، ބާތިލް ކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ވިދާޅުވެ ބަޔާން ދެއްވީވެސް މުއިއްޒު
ދިވެހި ސަރުކާރާ އެއްކޮޅަށް ނިމެންދިޔަ މައްސަލައެއް މުއިއްޒުގެ އެބަޔާނާއެކު ދައުލަތަށް 55 މިލިއަން ޑޮލަރުގެ ގެއްލުމެއް

ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފްލެޓް އެޅުމަށް ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)ގެ އެއްބަސްވުން އުވާލުމާ ގުޅިގެން، ނޫމަޑިން ގެއްލުމުގެ ބަދަލު ހޯދަން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ނޫމަޑިއާ އެއްކޮޅަށް ދިން ބަޔާން ދެވިފައިވަނީ ކޮންބަޔަކަށް ކަމެއް ނޭނގޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ، ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމުން، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. އިލްޔާސް ތަކުރާރުކޮށް، ސުވާލު ކުރެއްވުމުން، މުއިއްޒުއަށް ވަނީ އެސުވާލަށް ޖަވާބު ދެއްވަން ދަތިފުޅުވެފަ އެވެ. ނަމަވެސް އިލްޔާސް ލަބީބު ތަކުރާރުކޮށް އެސުވާލުކުރެއްވުމަށް މުއިއްޒު ވިދާޅުވީ ބަޔާން ދެވުނީ ކޮންބަޔަކަށް ކަމެއް ނޭނގޭ ކަމަށެވެ.

މީގެއިތުރުން، ނޫމަޑިން ގެއްލުމުގެ ބަދަލު ހޯދަން އާބިޓްރޭޝަނަށް ހުށަހެޅި އެމައްސަލާގައި، ކުރީގެ މިނިސްޓަރު މުއިއްޒުގެ ބަޔާން ހުށަހެޅީ، ނޫމަޑިން ތޯ ނުވަތަ ދިވެހި ސަރުކާރުގެ ފަރާތުންތޯ، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ކުރެއްވި ސުވާލަށްވެސް މުއިއްޒަށް ޖަވާބު ދެއްވަން ދަތިފުޅުވެ، އެ ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ.

ނޫމަޑި މައްސަލާގައި މުއިއްޒު ދެއްވާފައިވާ ބަޔާނާއި ގުޅިގެން، ކޮމެޓީގައި އޭނާ ވިދާޅުވީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދޭން ޖެހުނީ އޭނާގެ އެބަޔާނާ ގުޅިގެން ނޫންކަމަށެވެ. އަދި މުއިއްޒު ބަޔާނެއް ދެވަން ޖެހުނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވިފަހުން، ރައީސް އިބްރާހީމް ސޯލިހުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އޭނާއަށް ނިސްބަތްކޮށް، އާބިޓްރޭޝަނުގައި ބަޔާން ދެއްވާފައިވާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ނޫމަޑިން ގެއްލުމުގެ ބަދަލު ހޯދަން، އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ރައީސް ޔާމީންގެ ސަރުކާރު ނިމުނުއިރު، އޮތީ ސަރުކާރަށް ކާމިޔާބުވާ ގޮތަށް ކަމަށާއި އަދި ގެއްލުމުގެ ބަދަލެއް ނޫމަޑިއަށް ދޭންޖެހުނަސް ދޭންޖެހޭނީ ކުޑަ ކުޑަ އަދަދެއްގެ ފައިސާކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް މުޅި މައްޒަރު ބަދަލުވީ، ސަރުކާރުން ބަދަލުވިފަހުން، މި ސަރުކާރުން އެމައްސަލާގައި އަމަލުކޮށްފައިވާ ގޮތުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ކޮމެޓީގެ އެބައްދަލުވުމުގައި މުއިއްޒު ވާހަކަތަކުންނާއި ކޮމެޓީގެ މެމްބަރުންގެ ވަހަކަތަކުން ފާހަގަވީ، މުއިއްޒު ވެސް އެވިދާޅުވި ގޮތަށް، ސަރުކާރަށް ކާމިޔާބުވާން ދިޔަ މައްސަލައެއްގައި، އަދި ގެއްލުމުގެ ބަދަލު ދޭންޖެހުނަސް ކުޑަ އަދަދަކުން ސަލާމަތްވާން އޮތް އެ މައްސަލައިގެ މަންޒަރު ބަދަލުވެ، ނޫމަޑި ކޮޅަށް އެމައްސަލަ ދީލާލީ މުއިއްޒު ދީފައި ބަޔާނުގެ ސަބަބުން ކަމަށެވެ. އަދި ސަރުކާރުންގެ ފަރާތުން އެމައްސަލާގައި އެހީތެރިވަމުން ގެންދަވާ ބައިނަލް އަގްވާމީ ގާނޫނީ ވަކީލުންނާއި، ލަފާދޭ ފަރާތްތަކުންވެސް، މުއިއްޒުގެ އެބަޔާނާ ގުޅިގެން ދިވެހި ސަރުކާރަށް އެމައްސަލަ ކާމިޔާބު ވުމުގެ ފުރުސަތު ވަރަށް ކުޑަކަށް ފާހަގަކޮށްފައި ވެއެވެ.

މުއިއްޒު ވަނީ ނޫމަޑި އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާއި ހިލާފަށް ކަމަށް ވިދާޅުވެ، ބަޔާނެއް ދެއްވާފަ އެވެ. ނޫމަޑިން ވަނީ އެބަޔާން އާބިޓްރޭޝަނަށް ހުށަހަޅާފަ އެވެ.

އެ އެއްބަސްވުން ބާތިލް ކުރީވެސް މުއިއްޒުގެ މިނިސްޓަރުކަމުގަ އެވެ.

Advertisement

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 500 ހައުސިން ޔުނިޓް އެޅުމަށް ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލުކުރީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދިއުމުން ކަމަށް ބުނެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ އެ ވާހަކަ ދޮގުކުރައްވައި، ނޫމަޑީގެ އޮފިޝަލަކު މީގެކުރިން ވިދާޅުވެފައިވާގޮތުގައި، އެއްބަސްވުން ބާތިލުކުރުމާ ހަމައަށް ވާސިލުވީ، އެ ކުންފުންޏަށް ރިސޯޓެއް ހަދަން ދީފައިވާ ފަޅުރަށެއް ކަމަށްވާ ދިއްފުށިމާދޫ އަތުލުމާއެކު އުފެދުނު މައްސަލަތައް ހައްލު ނުކުރެވިގެނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ބޭނުންވީ، ދިއްފުށިމާދޫ އެހެންބަޔަކަށް އެރަށް ދިނުމަށް އެރަށް ނޫމަޑި އަތުން ނެގުމަށެވެ.

ރަށް އަތުލުމުގެ ސަބަބުން އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު އެއްބަސްވުން ބާތިލްކުރިއިރު، ހައުސިން މަޝްރޫއުތަކަށް ސަރުކާރުން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރި ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. މިފަދަ އެތައް ކަމެއް ހުރުމުން ކުންފުންޏަށް އިތުރަށް ގެއްލުން ވިޔަ ނުދިނުމަށް މަސައްކަތްތައް ހުއްޓާލީ ކަމަށް އޭނާ ވެފައި ވެއެވެ. ނަމަވެސް އޭރު ވެސް ފުރަތަމަ ފޭހުގެ މަޝްރޫއުތަކުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ނޫމަޑީގެ އޮފިޝަލް ވިދާޅުވެފައިވާ އެވާހަކަތަކަށް، މުއިއްޒު ކޮމެޓީގެ ދައްކަވާފައިވާ ވާހަކަތަކުން ބާރުލިބެއެވެ.

މުއިއްޒަކީ ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމަށްފަހު، ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ، މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ހައުސިން މިނިސްޓެރެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުގެ ވެސް ހައުސިން މިނިސްޓަރެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބާޠިލުކުރި ދެ އެއްބަސްވުމެއްގެ މައްސަލަ ނޫމަޑިން ވަނީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާރމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައެވެ. އެމައްސަލަތަކުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (849،750،000ރ) ދައްކަން ޖެހުނެވެ. އެފައިސާ މިސަރުކާރުން ވަނީ ދައްކާފައެވެ.

އެއްބަސްވުން އުވާލި މައްސަލަތަކުގައި ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާ ވާހަކަ ދައްކައި ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް