ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ މުޖުމަތައުގެ އެންމެންގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އާއްމު ސިއްހަތުގެ މަހާސިންތާ ޝަރަފުވެރިކޮށްދެއްވާ ނައިބް ރައީސް ފައިސަލް ވިދާޅުވީ ރަނގަޅު ސިއްހަތަކީ އިންސާނާއަށް ލިބޭ އެންމެ އަގުބޮޑު ނިއުމަތް ކަމަށާއި، ސިއްހަތަށް ޚާއްސަ ސަމާލުކަމެއްދީގެން އަބަދުވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ އަމިއްލަ ނަފްސަށާއި އެހެންފަރާތްތަކުގެ ހައްގުގައި ވެސް ކޮށްދޭންޖެހޭ މުހިންމު ކަމެއް ކަމަށް ނައިބް ރައީސް ފައިސަލް ވިދާޅުވިއެވެ.
ނައިބް ރައީސް ފައިސަލް ވިދާޅުވީ ބަލިތަކުން ރައްކާތެރިވެ ތިބުމަށް ޑޮކްޓަރުންގެ އިރުޝާދު އަބަދުވެސް އަޑުއަހަންޖެހޭ ކަމަށެވެ. އަދި ހަށިގަނޑަށް ފައިދާހުރި ކާނާބޭނުކުރުމަށް ޚާއްސަ ސަމާލުކަމެއްދީ ކުޑަކުދިންނަށް ނަމޫނާ ދެއްކުމަކީ އަންނަ އޮތް މުޖުތަމައުއަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމެއް ކަމަށް ނައިބް ރައީސް ފައިސަލް ވިދާޅުވިއެވެ.
އެގޮތުން ސާފުތާހިރުކަމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭކަމާއި ކަސްރަތު ކުރުމާ ހެލިފެލިވެ އުޅުމަކީވެސް ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބަލައިގަތުމަށް ނައިބް ރައީސް ފައިސަލް އިލްތިމާސް ކުރެއްވިއެވެ.
އަޅުގަނޑުމެންނަށް ބައެއް ފަހަރު ދުނިޔެވީ އެހެންކަންތައްތަކާ މަސްއޫލުވުމުގެ ތެރެއިން އަމިއްލަ ނަފްސަށް ކުރަންޖެހޭ ކަންތައްތައް ހުންނަނީ ގިނަ ފަހަރަށް ނުކުރެވިފައި. މިއީ މިއަދު ވަކިން ޚާއްސަކޮށް އަޅުގަނޑުމެން ކަހަލަ ކުޑަ މުޖުތަމައުއެއް އެއްތަނެއްގެ ތެރޭގައި ގިނަ ބަޔަކު ދިރިއުޅެމުންދާއިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއްފައިސަލް- ނައިބް ރައީސް
އާއްމު ސިއްހަތުގެ ނިޒާމު ހަރުދަނާކުރުމަށް މިސަރުކާރުން ޚާއްސަ އިސްކަމެއްދީގެން މަސައްކަތްތައް ކުރާކަން ފާހަގަކުރައްވައި ނައިބް ރައީސް ފައިސަލް ވިދާޅުވީ ތުއްތުކުދިންގެ ސިއްހަތާއި އެހެނިހެންކަންކަން ގާތުން ބެލުމަށް މައިންނަށް ވަގުތު ދިނުމުގެ ގޮތުން މައިންނަށް ދެވޭ ވިހެއުމުގެ ޗުއްޓީ އިތުރުކޮށްދިނުމާއި ސަރުކާރުން ފަށާފައިވާ ސްކޫލް ހެލްތު ޕްރޮގްރާމާއި ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކުރާ މަސައްކަތްތައް ކަމަށެވެ.
ދުންފަތުން ލިބޭ ގެއްލުމުން މުޖްތަމަޢު ސަލާމަތްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ. އަދި އާންމު ތަންތަނުގައި އެހެންމީހުގެ ޞިއްޙަތަށް ގެއްލުންލިބޭ ފަދަ ގޮތްތަކަށް ދުންފަތުގެ އިސްތިއުމާލުކުރުން ނިމުމަކަށް ގެނައުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ.