ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް 4.1 ބިލިއަން ރުފިޔާ ހޭދަ ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފިއެވެ.
ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ 5 ޞަރަޙައްދެއްގައި 5 ޓަރޝިއަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ އިތުރުން ސިއްޙީ ވަޞީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވަކިން ޚާއްސަކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ދައުލަތުގެ ބަޖެޓުން މިހާތަނަށް ނުކުރާވަރުގެ ބޮޑު ހޭދައެއް ކުރުމަށް ވަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައެޅިފައި. މިގޮތުން، ރާއްޖޭގެ 5 ސަރަހައްދެއްގައި 5 ޓަރޝިއަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ އިތުރުން ސިއްޙީ ވަސީލަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް މުޅި ރާއްޖޭގައި މަޝްރޫޢުތައް ހިންގޭނެ. މީގެ ސަބަބުން ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ރަނގަޅު ފެންވަރުގެ ބޭސްފަރުވާގެ ހިދުމަތް ލިބެންފަށާނެ.
ޞިއްޙީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިފައިވާއިރު ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމަނާފައިވަނީ 3541 މިލިއަން ރުފިޔާއެވެ. އެގޮތުން މެޑިކަލް ކޮންސިއުމަބަލްސްގެ ގޮތުގައި 743.61 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު މުވައްޒަފުންނަށް ހިނގާނެ ޚަރަދުގެ ގޮތުގައި ބަޖެޓުގައި ވަނީ 2124.6 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. އަދި އެހެނިހެން ރިކަރަންޓް ޚަރަދުގެ ގޮތުގައި 672.79 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ކެޕިޓަލް ޚަރަދަށް 566 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން 51 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށެވެ. 90 މިލިއަން ރުފިޔާ ގދ ތިނަދޫ ޓާރޝިއަރީ ހޮސްޕިޓަލަށް ހޭދަ ކުރުމަށް ކަނޑައަޅާފައިވާއިރު 184 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އެކި ރަށްރަށުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަން އިތުރަށް ތަރައްޤީކުރުމާއި ޚިދުމަތް ފުޅާ ކުރުމަށް ބަދަލުތައް ގެނައުމަށެވެ.
މިއީ މިހާތަނަށް ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވާ ފަހަރެވެ. އެގޮތުން މިހާތަނަށް ނުކުރާވަރުގެ ބޮޑު ހޭދައެއް ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.