''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން އާންމުކުރި ރިޕޯޓު ބޭނުންކޮށްގެން އެއްވެސް ބަޔަކަށް ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ނުދޭނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ އިޔާޒު ކޮށްފައިވާ ޓުުވީޓެއްގައި ވިދާޅުވީ، ބަޔަކު މީހުން ލާދީނީ ޓެރެރިސްޓް އެމްޑީއެންގެ ޝައިތާނީ ރިޕޯޓު ބޭނުންކޮށްގެން ނާޖާއިޒު ފައިދާތަކެއް ނަގަން އުޅުން ނަމަވެސް އެކަމުގެ ފުރުސަތު ދެވެން ނެތް ވާހަކަ އެފަދަ ފަރާތްތަކަުގެ މައުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅާނެކަމަށް ސަރުކާރުން ވިދާޅުވެފައިވަނިކޮށް ދަނޑިވަޅުގެ ބޭނުންހިފައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފައްދައި ދީނުގެ ނަމުގައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކި އެއްވުންތައް ބާއްވައި ދީން ދިފާއުކުރުމުގެ ނަމުގައި ސަރުކާރުގެ އިސްފަރާތްތަކުގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ.
"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓަށް ފުލުހުން އިނީޝިއަލް އެސެސްމެންޓެއް ހަދައި، ރިޕޯޓްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ފެންނަ ކަމަށާއި އެ މައްސަލަ މޯލްޑިވިސް ޕޮލިސް ސާރވިސް އިން ވަނީ ޔޫތް މިނިސްޓްރީއަށް ހުށަހަޅައިފައެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެސެސްމެންޓު ހެދުމުން، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ގޮތުން ފާޑު ކިޔާފައިވާ ކަމަށާއި، އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ޔޫތް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި އެ ޖަމިއްޔާ އުވާލުމަށާއި، އެ ޖަމިއްޔާގެ މެންބަރުންނަށް ފިޔަވަޅު އަޅަން ގޮވާލާ މިހާތަނަށް 115 ކައުންސިލުން ވަނީ ބަޔާން ނެރެފައެވެ. މީގެ އިތުރުން ދީނީ އިލްމުވެރިންނާއި، އިދިކޮޅުން ވެސް ވަނީ އެ މައްސަލައިގައި ހިމެނޭ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.