ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 18:51
ކީޕަރު އިމްރާން
ކީޕަރު އިމްރާން
މޯލްޑިވްސް ސޮކާ
އިމްރާން މުހައްމަދު
ގައުމީ އިނާމާއި އެކު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު އިމްރާން ކުޅުން ހުއްޓަާލައިފި
އިމްރާން ވަނީ މެދު ކެނޑުމެއް ނެތި ގައުމީ ގޯލު 17 އަހަރު ބަލަހައްޓައިފަ

ދިވެހި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު އިމްރާން މުހައްމަދު ގައުމީ އިނާމު ހާސިލް ކުރުމަށްފަހު، ކުޅުން ހުއްޓާލައިފިއެވެ.

ގައުމީ ފުޓުބޯޅަ ޓީމަށް މެދު ކެނޑުމެއްނެތި 17 އަހަރު ކުޅެދިނުމަށްފަހު 2016 ވަނަ އަހަރު ގައުމީ ޓީމުން ރިޓަޔާ ކުރުމަށްފަހު ވެސް ކީޕަރު އިމްރާން ވަނީ ކްލަބް ލެވަލްގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ރިޓަޔާ ކުރުމަށްފަހު އިމްރާން އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ރިޓަޔާ ކުރަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށާއި، ގޯލްކީޕަރުންގެ ގޮތުގައި ހުނަރުވެރި ޒުވާން ކީޕަރުން ނިކުންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އޭނާގެ ހެޔޮއެދުންތައް އަބަދުވެސް ވާނީ ދިވެހި ފުޓުބޯޅަ އާއިލާއާއި އެކުގައި ކަމަށް އިމްރާން ބުންޏެވެ.

ކްލަބް އީގަލްސް އިން ކެރިޔަރުފެށި އިމްރާން މަޝްހޫރުވެގެންދިޔައީ ވިކްޓްރީ ސްޕޯޓްސް ކްލަބް ގޯލުގައި އޭނާ ދެއްކި ޖާދުވީ ކުޅުމުންނެވެ. އޭގެ ފަހުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ވީބީ އައްޑޫ އެފްސީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޓީސީ ސްޕޯޓްސް ކުލަބަށް ވެސް އިމްރާން ކުޅެފައިވެއެވެ.

އިމްރާނަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރެވެ. ގައުމީ ޓީމާއި އެކު 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ވިކްޓްރީ އަދި ނިއުރޭޑިއަންޓް އާއެކު ކާމިޔާބު ސީޒަންތަކެއް އިމްރާން ވަނީ ހޭދަކޮށްފައެވެ.

އިމްރާން ވަނީ ގައުމީ ދުވަހުގެ ޖަލްސާގައި ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުރިއެރުވުމާއި މީހުން ތަމްރީނު ކުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ހާސިލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް