ރައީސުލްޖޫމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމުގައި ހުންނަވާ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގަތްކަމަށް ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި ރަސްމީ ސިޓީ ފުޅެއްގައި ޖާބިރު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ހިޔާނާތުގެ ތަހުގީގަކީ ސިޔާސީ ނުފޫޒުގެ ތެރެއިން ކުރެވިފައިވާ ތަހްގީގެއްކަމަށް ބުނެ، އެ ތަހްގީގު އަލުން ހިންގުމަށް ނިންމައި، ޝަރުއީ ކޯޓުތަކުގައި އެ މައްސަލަ ކުރިޔަށްދާ ދަނޑިވަޅުގައި ކުރިންވެސް އެ މައްސަލަ ބެއްލެވި ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް އެ މައްސަލަ އަލުން ތަހުގީގުކުރުމަކީ ރައްޔިތުންގެ ގެއްލެއިފައިވާ ހައްގު ހޯދައިދެވޭނެ ވަރުގެ ތަހުގީގެއް ހިންގައި އިތުރު ނަތީޖާއެއް ނެރެވޭނެ އެއްޗެއް ކަމަށް ގަބޫލުނުކުރައްވާކަމަށެވެ.
ސިޓީފުޅުގައި އިތުރަށް ބުނެފައިވަނީ، އެކި ފަހަރު މަތިން އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅޭގޮތުން މީޑިއާތަކުން ގެނެސްދިން ހަބަރުތަކާއި މައުލޫމާތަށް ބަލާއިރު އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕުގެ ލީޑަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވިއިރު، ހިޔާނަތުގެ މައްސަލަތައް ހިންގި ސަރުކާރުން ގާނޫނަށް ބޭނުންވާ ބަދަލެއް ގެނައުމަށް އެމްޑީޕީ ޕާލެމެންޓްރީ ގްރޫޕުގެ ތާއިދު ހޯދުމަށްޓަކައި ބޮޑެތި އަދަދުތަކުން ފައިސާ ހަރަދު ކުރިކަން އެނގޭކަމަށެވެ.
ޖާބިރު ވިދާޅުވީ ރައީސްގެ ބައިވެރިވުމެއް ވާކަން ޔަގީންވެފައިވަނީ އެމްއެމްޕީއާރުސީގެ ކަންތައްތައްކުގައި އެއިރު އުޅުން ފަރާތްތައް ދައްކަވާފައިވާ ވާހަކަ ތަކުންނާއި މާލީއްޔަތު ކޮމެޓީގައި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް ދެއްކެވި ވާހަކައިންކަމަށެވެ. އެއާއެކު އެމްއެމްޕީއާރުސީގެ މައްސަލަ ތަހްޤީޤުކުރުމަށް މަޖިލީހުން ޚާއްސަ ކޮމެޓީއެއް އެކުލަވާލުމަށް ޖާބިރު ވަނީ އެދިވަޑައިގެންފައެވެ.