އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ އާއި ބައްދަލުކުރައްވައިފިއެވެ.
ބައްސާމް ކުރެއްވި ޓުއީޓެއްގައި ބުނީ އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ އާއި ކުރެއްވި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލު ވުމެއް ކަމަށާއި މި ބައްދަލު ކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ސްކޫލުތަކަށް ދަރިވަރުން ތަމްރީނު ކުރުމަށް ކޯޗުން ހަމަޖެއްސުމާއި އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތެއް އަތޮޅު ތެރޭގައި ބޭއްވުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން މިހާރު ހުޅުމާލޭގައި ހަދަމުންދާ ފުޓުބޯޅަ ސްކޫލް އަށް ހޮވޭ ކުޅުންތެރިންނަށް މާލޭގެ ސްކޫލުތަކުން ކިޔެވޭނެ ގޮތެއް ހެދުމާއި މެދު މަޝްވަރާކޮށްފައެވެ.
ޓުވާރޑްސް ފިއުޗާގެ ދަށުން ފުޓުބޯޅަ އެސޯސިއޭޝަނުން އަންނަނީ ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒުވާން ފުޓުބޯޅަ ޓީމުތަކަށް ރާއްޖެއިން ބޭރުގައި ކުޅޭ މުބާރާތްތަކުގައި ބައިވެރިވުން ހިމެނެއެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ގައުމީ ޓީމު ކޮމެޓީގެ ޗެއާމަން އަލީ ވަހީދު ވެސް ވަނީ ވިދާޅުވެފައެވެ.
ޓުވާޑްސް ފިއުޗާގެ ދަށުން އެފްއޭއްމްއިން ހުޅުމާލޭގެ ފޭސް ވަން ގައި ފުޓުބޯޅަ ސްކޫލެއް ހަދަމުންދާއިރު މި ސްކޫލުގެ މަސައްކަތް އަންނަ އަހަރު ފެބުރުއަރީ މަހުގައި ނިމޭނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.
މީގެއިތުރުން އެފްއޭއެމް ގެ އައު އޮފީސްގެ އަމަލީ މަސައްކަތް ވެސް ވަނީ މިހާރު ފަށައިފައެވެ.