ބަންގްލަދޭޝް ޕްރިމިއަރ ލީގުގެ ސައިފް ސްޕޯޓިން ކްލަބަށް ގައުމީ 16 އަހަރުން ދަށުގެ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބަދަލުވާން ނިންމައިފިއެވެ.
ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުން ވަކިވެ، ސައިފްއާ ރަސްމީކޮށް ނިޒާމްބެ ހަވާލުވާނީ އަންނަ ނޮވެމްބަރ މަހުގެ ފަސް ވަނަ ދުވަހުއެވެ.
ނިޒާމްބެއާ 16 އަހަރުން ދަށުގެ ޓީމު ހަވާލުކުރީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް ޓީމެއް ތައްޔާރު ކުރުމަށެވެ. ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ނިޒާމްބެ ބުނީ، ބޭރުން ލިބުނު ފުރުސަތާއެކު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލުއާ ވާހަކަ ދެއްކުމަށްފަހު އެއްބަސްވެވުނީ ފުރުސަތުގެ ބޭނުން ހިފާށެވެ.
މިއީ ރާއްޖޭގެ ކޯޗަކު ބޭރުގެ މަތީ ފަންތީގެ ލީގެއްގައި ކޯޗުކަން ކޮށްދޭ ފުރަތަމަ ފަހަރަށްވާއިރު، ނިޒާމްބެ އޭއެފްސީ އޭ ލައިސަންސް ނެގީ މި އަހަރު ބަންގްލަދޭޝްގައި ބޭއްވި ކޯހެއްގައި ބައިވެރިވެގެންނެވެ.
ފާއިތުވި ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުކަން ހޯދާފައިވާ ނިޒާމްބެގެ އިރުޝާދުގެ ދަށުން ޓީސީ ސްޕޯޓްސް ކްލަބުން ވަނީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝައިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. އެ ސީޒަނުގައި ޓީސީން ވަނީ ދިވެހި ޕްރިމިއާ ލީގުވެސް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީ ވަނީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ވިދިވިދިގެން ތިން އަހަރު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީން ދެ ފަހަރު އެފްއޭކަޕްގެ ދެވަނަ ހޯދާފައިވާއިރު، ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ އެއް ފަހަރު ހޯދާފައި ވެއެވެ.
ސައިފްއާ މިދިޔަ އަހަރު ހަވާލުވެގެން ހުރީ އިންގްލޭންޑްގެ ސްޓެވާޓް ހޯލްއެވެ. އޭނާގެ އިރުޝާދުގެ ދަށުން ސައިފް މިދިޔަ ސީޒަން ނިންމާލީ ހަތަރު ވަނައިގައެވެ. މިއަހަރުގެ ލީގު ފަށާނީ ޑިސެމްބަރ މަހުއެވެ.
ބަންގްލަދޭޝް ލީގުގައި 12 ކްލަބް ވާދަކުރާއިރު، މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ބަޝުންދުރަ ކިންގްސްއެވެ. އެޓީމުގެ ކޯޗަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުރިން ހަވާލުވެގެން ހުރި ސްޕެއިންގެ އޮސްކާ ބްރުޒޮންއެވެ.