ކ. މާލެ
|
30 އޮކްޓޯބަރ 2019 | ބުދަ 09:32
މަޖިލިސް 2019
މަޖިލިސް 2019
ރައީސް އޮފީސް
މަޖިލިސް 2019
ޖަމްޢިއްޔާތައް ހިންގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމަށް ހުށަހެޅޭ ބިލުގެ ފުރަތަމަ ކިއުން އިއްވައިފި
ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ޤާއިމުކޮށްދިނުންވެސް ބިލް ހުށަހެޅޭ ބޭނުންތަކުގެ ތެރޭގައި ހިމެނޭ

ޖަމްޢިއްޔާތައް ހިންގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމަށް ހުށަހެޅޭ ބިލުގެ ފުރަތަމަ ކިއުން އިއްވައިފިއެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ކޮންމެ މީހަކަށް ލިބިދޭ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ ޙައްޤު ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި، ދިވެހިރާއްޖޭގައި ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމާއި ހިންގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމަށް ހުށަހެޅޭ ބިލެކެވެ. އަދި މީގެ އިތުރުން، ޖަމްޢިއްޔާތަކުގެ ޙަރަކާތްތަކަށް ފައިސާ ހޯދުމާއި، ދަރަންޏަށް ޒިންމާވުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމާއި، ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ޤާއިމުކޮށްދިނުންވެސް ބިލް ހުށަހެޅޭ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލް ހުށަހެޅުމުގެ އިތުރު މަގްސަދުތަކުގެ ތެރޭގައި ޖަމްޢިއްޔާގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް ބަޔާންކުރުމާއި، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޖަމްޢިއްޔާތައް ހިންގަމުންދޭތޯ ބަލައި، ޖަމްޢިއްޔާތައް ޒިންމާދާރުކުރެވޭނެ ހަމަތައް ބަޔާންކުރުމާއި، ޖަމްޢިއްޔާއެއް އުވާލެވޭނެ ގޮތްތައް ބަޔާންކުރުމާއި، އެ ނޫންވެސް ޖަމްޢިއްޔާތައް ހިންގުމާ ގުޅޭ ކަންކަން ކަނޑައަޅައި ބަޔާންކުރުން ހިމެނެއެވެ.

މި ބިލުގައި ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމާއި، ހިންގުމާގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިހާރު ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމާއި ހިންގުމާ ގުޅޭގޮތުން ޢަމަލުކުރަމުން އަންނަ އުސޫލުތަކަށް އައު ބަދަލުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ދިވެހިރާއްޖޭގައި ހިންގަން ބޭނުންވާ އެއްވެސް ބާވަތެއްގެ ޖަމްޢިއްޔާއެއް ހިންގޭނީ މި ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ކަމާއި، އެހެން ޤާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާތައްވެސް މި ބިލު ޤާނޫނަކަށް ވުމާއެކު މި ޤާނޫނުގެ ދަށަށް ބަދަލުވެގެން ދިޔުން ހިމެނެއެވެ. އަދި ޖަމިއްޔާތައް ރަޖިސްޓަރީކުރުން ފިޔަވައި، ވަކި ބާވަތެއްގެ ޖަމްޢިއްޔާތައް ހިންގުމާ ގުޅޭ އުސޫލުތައް އެހެން ޤާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެފަދަ ޖަމްޢިއްޔާތައް ހިންގުމާ ގުޅޭގޮތުން ޢަމަލުކުރާނީ އެ ޤާނޫނުގައިވާ ގޮތުގެމަތިންކަމަށް ވެސް ބިލުގައި ވެއެވެ.

އަދި ދެ ޖަމްޢިއްޔާއެއް އެއްކޮށްލާނަމަ ޢަމަލުކުރަންޖެހޭނެ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާއަކުން ދިވެހިރާއްޖޭގައި ޙަރަކާތްތައް ހިންގުމަށް ބޭނުންވެއްޖެނަމަ، ޢަމަލުކުރަންވީ އުސޫލުތައް ބަޔާން ކުރުން ހިމެނެއެވެ.

ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމުގެ ޒިންމާ ޙަވާލުވެފައިވާ ޖަމްޢިއްޔާގެ ރަޖިސްޓްރާރގެ ޝަރުޠުތަކާއި، މަސްއޫލިއްޔަތުތައް ބަޔާންކުރުމުގެ އިތުރުން، ޖަމްޢިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުމާއި ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ޖަމްޢިއްޔާތަކާ މެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، މި ޤާނޫނުގައި މަނާކަމެއްކަމަށް ބަޔާކޮށްފައިވާ ކަމެއް ޖަމްޢިއްޔާއަކުން ކޮށްފިނަމަ، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، އެ ޢަމަލެއް ހުއްޓުވުމަށް ނުވަތަ ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް އެންގުމުގެ ބާރު ޖަމްޢިއްޔާގެ ރަޖިސްޓްރާއަށް ދިނުން ވެސް ހިމެނެއެވެ.

މީގެ އިތުރުން، ޖަމްޢިޔާތަކުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޖަމްޢިއްޔާގެ ޙަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކިއެކި މުޢާމަލާތް ހިންގުމާއި، ޖަމްޢިއްޔާތަކުގެ ދަރަންޏާއި، މާލީ ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

- ކޮމެންޓް