ލީގް ކަޕްގައި ސައުތުހެމްޕްޓަން ބަލިކޮށް މެންޗެސްޓަރ ސިޓީ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ސައުތުހެމްޕްޓަންގެ މައްޗަށް ސިޓީ ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.
ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ސައުތުހެމްޕްޓަންގެ ގޯލަށް ނުރައްކާކޮށް ހަމަލާތައްވެސް އުފައްދާފައެވެ.
ސިޓީން މެޗުގެ ލީޑު ނެގީ 20 ވަނަ މިނެޓުގައެވެ. މި ލަނޑު ބެނާޑޯ ސިލްވާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ނިކޮލަސް އޮޓަމެންޑީއެވެ. މި ލަނޑަށްފަހުވެސް އެޓީމުން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ.
އެގޮތުން 38 ވަނަ މިނެޓުގައި ސިޓީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކައިލީ ވޯރކާގެ އެހީތެރިކަމާއެކު ސާޖިއޯ އަގުއެރޯއެވެ.
ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ސިޓީންނެވެ. އެގޮތުން 56 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑުވެސް ކާމިޔާބުކޮށްދިނީ އަގުއެރޯއެވެ.
މެޗުގައި ސައުތުހެމްޕްޓަންގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސްޓެފެންސްއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ވާޑް ޕްރޯވްސްގެ އެހީތެރިކަމާއެކުގައެވެ.
ގަދަ 16 ގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބްރައިޓަންގެ މައްޗަށް 1-3 ގެ ނަތީޖާއިން ލެސްޓާ ވަނީ ކުރިހޯދާފައެވެ. ކްރޯލީ ޓައުންގެ މައްޗަށް ކޮލްޗެސްޓަރ ޔުނައިޓެޑް 1-3 ގެ ނަތީޖާއިން ކުރިހޯދިއިރު، ވަޓްފޯޑްގެ މައްޗަށް އެވަޓަން ވަނީ 0-2 ގެ ނަތީޖާއިން ކުރިހޯދާފައެވެ. އަދި ޕެނަލްޓީ ޖަހައިގެން އޮކްސްފޯޑް ޔުނައިޓެޑުން ވަނީ ސަންޑަލޭންޑް ބަލިކޮށްފައެވެ.
މުބާރާތުގައި ބުދަ ދުވަހުގެ ރޭ އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރާއިރު، އެސްޓަން ވިލާ ނިކުންނާނީ ވޮލްވްސްއާ ދެކޮޅަށެވެ. އަދި ޗެލްސީ ނިކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ.