މާލޭ ސްވިމިންގ ޓްރެކްގެ މަސައްކަތް ނުފެށި ލަސްވަނީ ހަދަން ޖެހޭ ގިނަ ދިރާސާ ތަކެއް ހަދަން ޖެހުމާއި ގުޅިގެން ކަމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވެއްޖެއެވެ.
މާލޭ އިރު ދެކުނު ފަރާތުގައި ގާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްގައި ސިޑިބަރިއާއެކު ފާހަނާ އާއި ފެންވަރާނެ ވަސީލަތްތައް ގާއިމް ކޮށްދިނުމުގެ މަސައްކަތް މާޒިޔާ ކޮންސްޓްރަކްޝަން އާއި ހަވާލު ކޮށްފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.
120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މި މަސައްކަތުގެ މުއްދަތު ހަމަވެފައިވާއިރު ވެސް މަސައްކަތް ފެށިފައެއް ނުވެއެވެ.
ސްވިމިންގ އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅިވީ ޓްރެކް ސަރަހައްދުގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ ކުރިން ރޭވިގޮތާއި ހިލާފަށް ގިނަ ދިރާސާތަކެއް ކުރަން ޖެހުމުން ކަމަށާއި އެގޮތުން އިތުރު ދިރާސާތަކެއް ކުރަން ޖެހުނީ މާލޭގެ އެއްގަމު ތޮއްޓަށް ގެއްލުމެއް ވެދާނެތީ ކަމަށެވެ. އަދި ދިރާސާތަކަށް ފަހު ނޮވެމްބަރު މަހު އަމަލީ މަސައްކަތް ފެށޭވަރު ވާނެ ކަމަށް އިސްމާއިލް އަލީ ވިދާޅުވިއެވެ.
ސްވިމިންގ ޓްރެކް ގައި މުބާރާތްތައް ކުރިޔަށްދާއިރު މިހާރު ހުންނަނީ ވަގުތީ ޓެންޓު ޖަހާ ހިޔާ ކޮށްފައެވެ. އެހެންކަމުން ޓްރެކް ތަރައްގީ ކުރުމުން މުބާރާތްތައް ކުރިޔަށް ގެންދިޔުމަށް ވަރަށް ބޮޑު ލުޔެއް ފެތުންތެރިންނަށާއި ކުޅި ބަލަންދާ މީހުންނަށް ލިބިގެންދާނެ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.