އިޓާލިއަން ލީގުގައި އޭސީ މިލާން ބަލިކޮށް ރޯމާއިން ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ރޯމާ މޮޅުވީ އޭސީ މިލާނާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
ރޯމާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ދިޔައީ އޭސީ މިލާންގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރޯމާއިންނެވެ. މި ލަނޑު 41 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޑިން ޒެކޯއެވެ. މި ލަނޑާއެކު އޭސީ މިލާނުން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރިއެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އޭސީ މިލާންގެ މައްޗަށް ރޯމާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން އޭސީ މިލާނުން ކުޅުން ރަނގަޅުކޮށްފައިވާއިރު، ލަނޑު ޖެހުމަށް އެޓީމުން ދިޔައީ ފުރުސަތުތަކެއް ހޯދަމުންނެވެ. އެގޮތުން 55 ވަނަ މިނެޓުގައި ހެނާންޑޭޒް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
ރޯމާއިން މެޗުގެ ލީޑު އަނބުރާ ހޯދީ 58 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒައިނޯލޯއެވެ. މި ލަނޑަށްފަހުވެސް ރޯމާއަށް ވަނީ ލީޑު އިތުރަށް ފުޅާކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ރޯމާ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. މެޗުން ބަލިވި އޭސީ މިލާން އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ.