ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުން ކުޅުނު ފަހު މެޗުން ވެސް ބަލި ވެއްޖެއެވެ.
ލާއޯސްގެ ޔަންގް އިލެފަންޓް އަތުން ޓީސީ ބަލިވެފައި ވަނީ 2-1 ގެ ނަތީޖާ އަކުންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުން ޓީސީ ބަލިވިއިރު އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އިން މި މުބާރާތް މި އަހަރު ނިންމާލީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ޕޮއިންޓެއް ނުލިބިއެވެ.
ހުކުރު ދުވަހު ކުޅުނު މެޗުގެ ވަރަށް ކުރީ ކޮޅުގައި ޔަންގް އިލެފަންޓް އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބޫންފަޗާން ބޫކޮންއެވެ. މި ލަނޑާއެކު ޓީސީ އިން އެޓީމުގެ ކުޅުން ރަނގަޅު ކުރިއިރު ޓީސީއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ޔަންގް އިލެފެންޓް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޔަންގް އިލެފަންޓް އިން ފުލުފުލުގައި ޓީސީގެ ގޯލަށް ހަމަލާތައް އުފައްދައިފައިވާއިރު މި ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ޔަންގް އިލެފެންޓް އިން ވަނީ ލަނޑު ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް
ކާމިޔާބުކޮށްދިނީ ވެސް ބޫކޮންއެވެ. މެޗުގައި ޓީސީއިން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސާމިރެވެ.
ޓީސީ އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ޓީސީ އިން މި މުބާރާތުގެ ތަށި 2017 ވަނަ އަހަރު އުފުލާލީ ޕެނަލްޓީގައި ދެކުނު ކޮރެޔާގެ ޕޮޗެއޮން ބަލިކުރުމަށްފަހުގައެވެ.