ޕަވަރބޯޓް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ މޯލްޑިވްސް އިންޓަނޭޝަނަލް ޓްރޮފީ ނޮވެމްބަރު މަހު ބާއްވަން ނިންމައިފިއެވެ.
ޕަވަރބޯޓް އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް އަކީ ދުނިޔޭގެ ޕަވަރބޯޓް ސްޕޯޓްސްގެ މައި އިދާރާ ޔޫއައިއެމްގެ މެމްބަރެކެވެ. ޔޫއައައިއެމް ގެ މެމްބަރުކަން ޕަވަރބޯޓް އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް އަށް ލިބިގެންދިޔައީ މި މަހު ޗައިނާގެ ކުރިޔަށްދިޔަ ޔޫއައިއެމްގެ 92 ވަނަ ޖެނެރަލް އެސަމްބްލީގައެވެ.
ޕަވަރބޯޓް އެސޯސިއޭޝަނުން ބުނީ ނޮވެމްބަރުމަހު ކުރިޔަށް ގެންދަން ނިންމައިފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ޓްރޮފީ ކުރިޔަށްދާނީ ނޮވެމްބަރު މަހު 28 އިން ޑިސެމްބަރު މަހު 5 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ.
މި މުބާރާތް ކުރިޔަށްދާނީ ވިލިމާލެ ނުވަތަ މާފުށީގައި ކަމަށާއި މި މުބާރާތުގައި ރާއްޖެއިން ބޭރުގެ އެތުލީޓުން ވާދަކުރާނެ ކަމަށް ޕަވަރބޯޓް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ. އެގޮތުން ދުނިޔޭގެ ޕަވަރބޯޓްގެ މަޝްހޫރު އެތްލީޓުން މި މުބާރާތުގައި ބައިވެރިވާނެ ކަމަށާއި އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރު ހަތް ގައުމެއްގެ އެތުލީޓުންނަށް ދައުވަތު އަރުވައިފައިވާ ކަމަށެވެ.
ރާއްޖޭގައި ބޭއްވޭ މި މުބާރާތުގައި ކުރިޔަށްދާނެ ކެޓަގަރީ ތަކުގެ ތެރޭގައި ތަންޑަރކެޓް ޕީ 750 ހިމެނެއެވެ.
މި މުބާރާތަކީ ސަލާމަތީ ކަންކަމަށް ވަރަށް ބޮޑަށް ބަލައިގެން ކުރިޔަށް ގެންދަންޖެހޭ އިވެންޓެއް ކަމުން އެކަމަށް ވަރަށް ބޮޑަށް އެސޯސިއޭޝަނުން ތައްޔާރުވަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
ޕަވަރބޯޓް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގެ މަގްސަދަކީ ރާއްޖޭގައު ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވުން ކަމަށާއި ރާއްޖެއަކީ މި މުބާރާތް ބޭއްވުމަށް އެންމެ އެކަށޭނެ
ތަން ކަމަށެވެ. އެގޮތުން ރާއްޖޭގެ 99 އިންސައްތަ އަކީ މޫދު ކަމަށާއި އެހެން ކަމުން މޫދު ކުޅިވަރު ކުރިއަރުވަން ޖެހޭނެ ކަމަށެވެ. އަދި މި މުބާރާތް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި ޓުއަރިޒަމް މިނިސްޓްރީ އިން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށް ޕަވަރބޯޓް އެސޯސިއޭޝަނުން ބުނެއެވެ.