ކ. މާލެ
|
25 އޮކްޓޯބަރ 2019 | ހުކުރު 04:13
އާސެނަލް އަދި ވިޓޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން
އާސެނަލް އަދި ވިޓޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫރޮޕާ ލީގު
ޔޫރޮޕާ ލީގު: އާސެނަލް އާއި ޔުނައިޓެޑަށް ހަނި މޮޅެއް
ސެނަލް މޮޅުވީ ވިޓޯރިއާ ގިމަރޭސްއާ ވާދަކޮށް 2-3 ގެ ނަތީޖާއަކުން
ޔުނައިޓެޑް މޮޅުވީ ޕާޓިޒާންއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުން

ޔޫރޮޕާ ލީގުގައި އާސެނަލް އާއި ޔުނައިޓެޑު ކުޅުނު މެޗުން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގްރޫޕް އެފްގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ ވިޓޯރިއާ ގިމަރޭސްއާ ވާދަކޮށް 2-3 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ވިޓޯރިއާގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ދިޔައީ ހަމަލާތައް އުފައްދަމުންނެވެ.

ނަމަވެސް ވިޓޯރިއާއިން ވަނީ އާސެނަލްއިން ރަނގަޅަށް ކުޅެމުން ދަނިކޮށް ކުރީކޮޅުގައި ލީޑު ނަގާފައެވެ. މި ލަނޑު 8 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ގާސިއާގެ އެހީތެރިކަމާއެކު އެޑްވާޑްސްއެވެ.

މި ލަނޑާއެކު އާސެނަލްއިން ކުޅުން އިތުރަށް ވަރުގަދަކޮށްފައިވާއިރު، 32 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޓިއަނީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މާޓިނެލީއެވެ.

ނަމަވެސް ވިޓޯރިއާއިން ވަނީ 36 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ޑުއާޓްއެވެ.

ދެވަނަ ހާފް އާސެނަލްއިން ވަރުގަދަކޮށް ފަށާފައިވާއިރު، އެޓީމުން ދިޔައީ ފުލުފުލުގައި ވިޓޯރިއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އަދި ލަނޑު ޖެހުމަށްވެސް އެޓީމުން ދިޔައީ ފުރުސަތު ހޯދަމުންނެވެ.

އާސެނަލްއިން ނަތީޖާ ހަމަހަމަކުރީ 80 ވަނަ މިނެޓުގައެވެ. މި ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ނިކޮލަސް ޕެޕޭއެވެ. މެޗުގެ އިތުރުވަގުތުގައި އާސެނަލް މޮޅުވި ލަނޑުވެސް ކާމިޔާބުކުރީ ލިބުނު ހިލޭ ޖެހުމަކުން ޕެޕޭއެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ވިޓޯރިއާ އޮތީ ކުޅުނު ތިން މެޗުންވެސް ބަލިވެ ގްރޫޕްގެ ފުލުގައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ޕާޓިޒާންއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ޕާޓިޒަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމުންވެސް ދިޔައީ ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ފުރަތަމަ ހާފްގެ ފަހުކޮޅުގައި ޔުނައިޓެޑުގެ ލިންގާޑްގެ އިތުރުން ޕާޓިޒަންގެ ސާދިގުއަށް ވަނީ ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން އެ ދެ ކުޅުންތެރިންނަށްވެސް ހިފިފައެއް ނުވެއެވެ.

ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ 45 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އެންތޮނީ މާޝިއާލްއެވެ.

ދެވަނަ ހާފްގައި ދެޓީމަށްވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބިފައިވާއިރު، އެ ފުރުސަތުތަކުގެ ބޭނުން ދެޓީމަށްވެސް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ޕާޓިޒަން އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް