ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ޑޯޓްމަންޑް އަދި އިޓަލީގެ އިންޓަ މީލާންގެ ކުރިމަތިލުން އިންޓަ މިލާނުން ކާމިޔާބުކޮށް ގްރޫޕްގެ ދެވަނައަށް ޖެހިލައިފިއެވެ.
އިންޓަ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗު އިންޓަ މިލާނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ އަވަސް ކުޅުމެކެވެ. މި މެޗުގެ 22 ވަނަ މިނެޓުގައި އިންޓަ މިލާނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓެވެންގެ އެހީތެރިކަމާއި އެކުގައި ލައުޓާރޯ މާރޓިނޭޒް އެވެ.
އިންޓަގެ ލަޑާއެކު ޑޯޓްމަންޑް އިން އެޓީމުގެ ކުޅުން ރަނގަޅު ކުރި އިރު އެޓީމުން ވަނީ އިންޓަގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. ނަމަވެސް އިންޓަ އިން ވަނީ މޮޅު ޑިފެންސް އެއް ކޮށް ޑޯޓްމަންޑް ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން އިންޓަ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ އެޓޭކްތަކެއް ފެނިގެންދިޔައެވެ. މި މެޗުގައި އިންޓައިން ޖެހި ފަހު ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނީ ކެންޑްރަވާއެވެ.
މި ނަތީޖާ އާއި އެކު އިންޓަ މިލާން ވަނީ ހަތަރު ޕޮއިންޓާއެކު ގްރޫޕް "އެފް" ގެ އެއްވަނަ އަށް ޖެހިލައިފައެވެ. އަދި މެޗުން ބަލިވި ޑޯޓްމަންޑް ހަތަރު ވަނައިގައި އޮތީވެސް ހަތަރު ޕޮއިންޓާއެކުގައެވެ. އިންޓައަށް ގްރޫޕްގެ ދެވަނަ ލިބެނީ ލަނޑުގެ ތަފާތުން ކުރި ލިބިގެންނެވެ. މި ގްރޫޕްގެ އެއްވަނައިގައި އޮތީ ހަތް ޕޮއިންޓާއެކު ބާސެލޯނާއެވެ.