ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްލަވިއާ ޕްރާގް އަތުން ބާސެލޯނާ ހަނިގޮތަކަށް މޮޅުވެ ބާސެލޯނާއިން ގްރޫޕް "އެފް" ގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ސްލައިވާ ޕްރާގް ދަނޑުގައި ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ވަރަށް ކުރީ ކޮޅު ބާސެލޯނާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ.
މި ލަނޑަށްފަހު ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ބާސެލޯނާގެ ކުޅުންތެރިންވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ސްލަވިއާ ޕްރާގް ގެ ގޯލަށް ފޮނުވައިލައިފައެވެ. އެގޮތުން ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ބާސެލޯނާގެ ފްރޭންކް ޑި ޖޮންގ ފޮނުވާލި ހަމަލާ ވަނީ ހުށިޔާރުކަމާއި އެކު ސްލަވިއާ ޕްރާގްގެ ކީޕަރު ދިފާއުކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ސްލަވިއާ ޕްރާގް އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކޮށް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށް ބާސެލޯނާގެ ގޯލަށް ހަމަލާ އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ސްލަވިއާ ޕްރާގް އިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެން ބޯރިލް އެވެ.
މެޗުގައި ބާސެނާއިން ޖެހި ދެވަނަ ލަނޑަކީ ސްލަވިއާ ޕްރާގް ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ނަތީޖާ އާއި އެކު ބާސެލޯނާއިން ގްރޫޕް "އެފް"ގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު އޮތް އިރު މި ގްރޫޕްގެ ދެވަނައިގައި އޮތް އިންޓަރ މިލާނަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.