އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ލިވަރޕޫލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މެންޗެސްޓަރ ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާ އަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ޑިފެންސިވް ކުޅުމެކެވެ. ލިވަރޕޫލް ކުޅުންތެރިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ޔުނައިޓެޑް ގެ ގޯލަށް ވަނީ ފޮނުވައިލައިފައެވެ. ނަމަވެސް މެޗުގެ 36 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއެލް ޖޭމްސްގެ އެހީތެރިކަމާއެކު ރަޝްފާޑެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ލިވަރޕޫލް ކުޅުންތެރިންގެ ފަރާތުން މޮޅު އެޓޭކިންގ ގޭމެއް ފެނިގެން ދިޔައިރު މި ހާފުގައި ލިވަރޕޫލުން ވަނީ ފުލުފުލުގައި ޔުނައިޓެޑްގެ ގޯލަށް ހަމަލާ އުފައްދައިފައެވެ. ނަމަވެސް ލިވަރޕޫލުން ފޮނުވައިލި ގިނަ ހަމަލާތަކެއް ޔުނައިޓެޑްގެ ކީޕަރުވަނީ ހުށިޔާރު ކަމާއި އެކު ދިފާއު ކޮށްފައެވެ.
މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ލިވަރޕޫލުން ވަނީ ލަނޑު ޖަހާ މެޗުން ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑަމް ލަލާނާއެވެ.
މި ނަތީޖާއާއި އެކު ލިވަރޕޫލުން ތާވަލުގެ އެއްވަނައިގައި އޮތީ 25 ޕޮއިންޓާއެކުގައެވެ. އަދި ދެވަނައިގައި މެންޗިސްޓަރ ސިޓީ އޮތީ 19 ޕޮއިންޓް އާއިއެކުގައެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް 10 ޕޮއިންޓާއެކު އޮތީ ލީގު ތާވަލުގެ 13 ވަނައިގައެވެ.