ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށް ދިރާގުން ބާއްވާ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މި މަހުގެ 23 ގައި ބާއްވާނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގު ސްޕެޗަލް ސްޕޯޓްސް ފެސްޓިވަލް ބޭއްވުުމަށް ހަމަޖެހިފައިވާ ތާރީހާއި އެކަމުގެ މައުލޫމާތު ހާމަކުރުމަށް ޙޯމަ ދުވަހުގެ މެންދުރު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން، ދިރާގުގެ ސީއެސްއާރު މެނޭޖަރ އާއިޝަތު ބިޝާރާ ވިދާޅުވީ މި އަހަރުގެ ފެސްޓިވަލަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާކަމަށެވެ. އެގޮތުން 4 ޖަމިއްޔާއަކުންނާއި 14 ސްކޫލަކުން ބައިވެރިވެފައިވާކަމަށް ވިދާޅުވި އެވެ.
މީގެ 9 އަހަރު ކުރިން ފެށި ފެސްޓިވަލަށް ވަރަށް ތަރުހީބު ލިބޭކަން ފާހަގަކޮށް ބިޝާރާ ވިދާޅުވީ ފުރަތަމަ ބޭއްވި ފެސްޓިވަލުގައި ބައިވެރިވެފައިވަނީ އެންމެ 17 ކުދިން ކަމަށާއި އަހަރުން އަހަރަށް މިކަމަށް ލިބެމުން އަންނަ ތަރުހީބު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު 400 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވާކަމަށް ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ބިޝާރާ ވިދާޅުވީ މި ފެސްޓިވަލްގައި ބައިވެރިވަމުން އަންނަ ބައެއް ކުދިން ބައިންލްއަގްވާމީ ފެންވަރުގައި ވާދަކޮށް ރާއްޖެ ފަހުރުވެރިވާ ވަނަތައް ހޯދާފައިވާކަމަށާއި އެއީ ހުރިހާ އެންމެނަށްވެސް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަަމަށެވެ. އަދި މި ފެސްޓިވަލުގެ ތެރެއިން ސްޕެޝަލް އޮލިމްޕިކްސްގައި ހިމެނޭ ކުޅިވަރުތައް ތައާރަފްކުރަން އަބަދުވެސް އިސްކަމެއް ދޭކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް ސީނިއަރ އެސޯސިއޭޓް ޖައްޔިދާ ބަދްރީ (ޖައި) ވިދާޅުވީ މި ފެސްޓިވަލުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް މެޑަލެއް ލިބިގެންދާނެކަމަށާއި، އިވެންތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހެންވޭރު ދަނޑުގައިކަމަށެވެ.
ދިރާގު ސްޕޯޓްސް ފެސްޓިވަލަކީ 2011 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ހާއްސަ އެހީއަށް ބޭނުންވާ ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ބާއްވާ ސްޕޯޓްސް ފެސްޓިވަލެކެވެ.